ޚަބަރު ރާއްޖެ

ތުރުކީން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު ރާއްޖެ ގެނެސްފި

ތުރުކީން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ މަނަވަރު ރާއްޖެ ގެެނެސްފިއެވެ.

 

މި މަނަވަރު ރާއްޖެ ގެނެސްފައިވަނީ، ބޮޑެތި ކަނޑު އުޅަނދު އުފުލާ، "ބްރޭކް ބަލްކް ކެރިއަރ" އަކަށް ލައިގެންނެވެ. ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް ކަމުގައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރު މިހާރު އޮތީ މާލެ ސަރަހައްދުގައެވެ.

 

އަންނަ ހަފުތާގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އެ މަނަވަރު އިފްތިތާހުކުރާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެމްއެންޑީއެފް އިން މީގެކުރިން ހާމަކުރައްވާފައުވާގޮތުގައި މިއީ އެގައުމުގެ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ހަދިޔާކުރާ ޑޯގަން ކްލާސް މަނަވަރެކެވެ. މި އުޅަނދު ގައުމީ ދިފާއީ ބާރުގެ ހިދުމަތަށް ނެރެ، އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެގޮތުން ތުރުކީގައި ދިވެހި ސިފައިން ވެސް ވަނީ ތަމްރީނުކޮށްފައެވެ.

 

މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުުރުމުގެ ގާބިލުކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ނެގުނު ވަރަށްމުހިންމު ފިޔަވަޅެކެވެ.

 

ތުރުކީގެ އަނަދޯލު އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއާ އެކު އެގައުމުން ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރީ މިސައިލު ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެކެވެ. އެ މިސައިލް ބޯޓްތަކަކީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއެކު ތުރުކީ ކަނޑުގެ ސިފައިން ބޭނުންކުރަން ފެށި ފުރަތަމަ ބާވަތުގެ މަނަވަރެވެ.

 


  • ތުރުކީ
  • އެމްއެންޑީއެފް
  • ކޮމެންޓް