ޚަބަރު ރާއްޖެ

ވައިބަރ އެކައުންޓްތައް ކޮމްޕްރޮމައިޒްވާތީ ސަމާލުވުމަށް ފުލުހުން އެދިއްޖެ

ވައިބަރ އެކައުންޓްތައް ކޮމްޕްރޮމައިޒްކޮށްގެން، އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އެދިވަޑައިގެންފިއެވެ.

 

އެހެންކަމުން ރައްކާތެރިވުމުގެ ގޮތުން ވައިބަރގެ ވެރިފިކޭޝަން ކޯޑު އެއްވެސް ހާލެއްގައި އެހެން ފަރާތަކާ ހިއްސާނުކުރުމަށާއި ވައިބަރ ސެޓިންގްސް އިން "ޓޫ-ސްޓެޕް ވެރިފިކޭޝަން" އެކްޓިވޭޓްކުރެއްވުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި ވައިބަރއިން ކުއްލިއަކަށް ފައިސާ ނުވަތަ ޒާތީ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެނަމަ، ފޯނުން ގުޅައި ޔަގީންކުރުމުގެ އިތުރުން އެކައުންޓްގެ ރައްކާތެރިކަން ކަށަވަރުކުރެއްވުމަށްވެސް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

 

އޮންލައިން މުޢާމަލާތްތަކުގައި ރަސްމީ އަދި ޤާނޫނީ ގޮތުން ޤަބޫލުކުރެވޭ ޕޭމަންޓް ގޭޓްވޭތައް އެކަނި ބޭނުންކުރުމަށާއި އަންޑެންޓިފައިޑް ފޮރިން ނަންބަރުތަކުން އަންނަ މެސެޖުތަކަށް ޖަވާބު ނުދިނުން އަދި އެފަދަ ނަންބަރުތަކަށް ގުޅާފައި އަންނަ ކޯލްތަކަށް ޖަވާބު ނުދިނުން އަދި އެފަދަ ނަންބަރުތައް ބްލޮކް ކުރުން ހިމެނެއެވެ.

 

މީގެއިތުރުން ބޭރު ފައިސާ މާރުކުރުމުގައި ހަމައެކަނި ލައިސަންސް ލިބިފައިވާ މަނީ އެކްސްޗޭންޖް ތަންތަނާއި ބޭންކުތައް މެދުވެރިކޮށް މުއާމަލާތް ކުރުމާއި އޮންލައިން ޕްލެޓްފޯމްތަކުގައި ދެވޭ އަގުތަކާއި ޑިސްކައުންޓްތައް މާކެޓް ރޭޓާ އަޅާކިޔުމުގެ އިތުރުން އާދަޔާ ޚިލާފަށް ކުޑަ އަގެއްގައި ތަކެތި ވިއްކާނަމަ އިތުރަށް ބެލުންވެސް ހިމެނެއެވެ.

 

ހަމަމިއާއެކު އޮންލައިން ޑޭޓިންގ ޕްރޮފައިލްތަކުގައި ފެންނަ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި މިގޮތުން ފޮޓޯތައް ރިވާރސް އިމެޖް ސާރޗް ކޮށްގެން ޗެކްކުރުން އަދި ސޯޝަލް މީޑިއާ ޕްރޮފައިލްތައް ބަލާ ޗެކްކުރުން، އެއްވެސް ފަރާތަކުން އަމިއްލަ ބޭންކް އެކައުންޓް މައުލޫމާތު، ޕާސްވާރޑް، ޕިން ނަންބަރު ފަދަ މައުލޫމާތަށް އެދިއްޖެނަމަ ނުދިނުމާއި އޮންލައިން ޝޮޕިންގ ވެބްސައިޓްތަކުގެ ރިވިއުތައް ބެލުމާއި، އެ ވެބްސައިޓްތަކުގެ އެޑްރެސް ރަނގަޅުތޯ ބެލުން އަދި ވެބްސައިޓްގެ ސެކިއުރިޓީ ސެޓްފިކެޓް ޗެކްކުރުމަކީ އޮންލައިން ސްކޭމްތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކެކެވެ.

 

ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

 

1. ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.

 

2. ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.

 

3. އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުން.

 

4. ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.

 

5. އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.

 

އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމުގެ ގޮތުން އޮންލައިން ޝޮޕިންގއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް އެޕް ސްޓޯރ) ކަން ކަށަވަރުކުރުމުގެ އިތުރުން އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިންގ ސޮފްޓްވެއަރ ބޭނުންކުރުމަކީ އެޅިދާނެ ފިޔަވަޅުތަކެކެވެ.

 

އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅެވެ. އަދި ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވަގުތުން ފިޔަވަޅު އެޅުމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަކީ އެހެން މީހުންވެސް މިފަދަ ކަންކަމުން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

 

 


  • ސްކޭމް މައްސަލަތައް
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް