ހުރިހާ ސަރުކާރެއްގައި ވެސް ސަރުކާރުގެ ތެޔޮ ކުންފުނި އެފްއެސްއެމުން ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަންކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޣަފޫރު ވަނީ މި ސަރުކާރު އައި ފަހުން ވެސް އެ މަންޒަރު ފެންނަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ދައުލަތުގެ މުދަލާއި ފައިސާއިން ވައްކަންކުރި މީހުން އަދިވެސް ތިބީ ވަޒީފާގައި ކަމަށާއި އެމީހުން ހައްޔަރުކޮށް، ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.
ޣަފޫރު ވަނީ ސިފައިންގެ ކޯޕަރޭޝަން (ސިފްކޯ) އާއި ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން (ޕޮލްކޯ) ފަދަ ކުންފުނިތަކުގެ ތެރޭގައި ވައްކަން ބޮޑުވެފައިވާ ކަމަށާއި ހުރިހާ ސަރުކާރުތަކުން ވެސް ދައުލަތުގެ ފައިސާއިން ވައްކަންކުރުމުގައި ހަރަކާތްތެރިވީ މި ކުންފުނިތައް ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ޕޮލްކޯއާއި ސިފްކޯއާއި ކަރެކްޝަންސްގެ ފިހާރަ މިހާރު ހުރީ ބޮޑެތި ކުންފުނިތަކަށް ބަދަލުވެ، އަތުނުޖެހޭ ހިސާބެއްގައިކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެ ކުންފުނިތައް ބަންދުކުރަން މަސައްކަތްކުރި ނަމަވެސް އެކަންނުވި ސަބަބަކީ ނާޖާއިޒު ގޮތުގައި ފައިދާ ލިބިފައި ތިބި މީހުން އެ ކުންފުނިތަކުގައި ތިބުން ކަމުގައި ވެސް މެމްބަރު ޣަފޫރު ވިދާޅުވިއެވެ.
ހަނިމާދޫ ދާއިރާގެ މެމްބަރު އިތުރަށް ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ގެސްޓްހައުސް ވިޔަފާރިއަށް ވަންނަން ކުރާ މަސައްކަތަށް ވެސް އިޝާރާތްކުރައްވާފައެވެ. އަދި އެ ކޯޕަރޭޝަންގެ މިސްރާބު ވެސް ހުރީ ވައްކަމުގެ ފެށުމަކާ ދިމާލަށް ކަމަށް ވަނީ ވިދާޅުވެފައެވެ.