ޚަބަރު ރާއްޖެ

ހައްޖު ކޯޓާގައި ފުރުސަތު ދެނީ އުސޫލުގެ ތެރެއިން: މިނިސްޓަރ

ސަޢުދީ އަރަބިއްޔާ އިން ރާއްޖެއަށް ދޭ ހައްޖު ކޯޓާގައި ފުރުސަތު ދެނީ އުސޫލުގެ ތެރެއިން ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޙައްޖު ކޯޓާއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.



މިނިސްޓަރ ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީން ރާޖެއަށް ކޮންމެއަހަރަކު ވެސް 1000 ކޯޓާ ދެމުންއަންނަކަމަށާއި އެގޮތުން މިއަހަރު ވެސް ލިބުނު 1000 ކޯޓާގެ ފުރުސަތު ދީފައިވާނީ އުސޫލުގެ ތެރެއިން ކަމަށެވެ.

 

މިއަހަރަށް ހައްޖަށް ދިއުމަށް ރަޖިސްޓްރީކޮށްފައި ތިބީ 850 މީހުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އޭގެތެރޭގައި 75 އަހަރުން މަތީގެ 44 މީހުން ވެސް ހިމެނޭ ކަމަށެވެ. އެ 44 މީހުންނަށް އެހީތެރިން ބޭނުންވާނެކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެފުރުސަތު ފަހިކޮށްދޭން އުސޫލުގައިވާކަން ވެސް ފާހަގަކުރައްވާފައެވެ.

 

މީގެއިތުރުން ފަގީރުންގެ ތެރެއިން ސަރުކާރުގެ ޚަރަދުގައި މިއަހަރު 50 މީހުންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށާއި ހައްޖު ކޯޕަރޭޝަން ތަރައްގީކޮށް ރައްޔިތުންނަށް ދޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އިސްލާމިކް ފަންޑް މެނޭޖްމަންޓް އުސޫލުތަކުގައި ހިފަހައްޓައި ސުކޫކް އަދި އެހެނިހެން ޕްރައިވެޓް އިންވެސްޓްމަންޓް ޕްރޮޑަކްޓުތަކުގައި ފައިދާ ލިބޭގޮތަށް ހައްޖު ފަންޑު މެނޭޖްކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

 

ހައްޖު ކޯޕަރޭޝަނަކީ ހެޔޮ އަގުގައި ހައްޖާއި އުމްރާގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ މުއައްސަސާއެއްކަން ފާހަގަކުރައްވާ އެ މުއައްސަސާ ތަރައްގީކޮށް ޒަމާނަށް ފެތޭ ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމަށް ވެސް އިސްލާމިކް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

 


  • ހައްޖު ކޯޕަރޭޝަން
  • ޑރ. ޝަހީމް
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް