ޚަބަރު ރާއްޖެ

ޒުވާން ހަތީބުން މުޖުތަމައަށް ދައްކައިދެމުންދަނީ ވަރަށް ރިވެތި ނަމޫނާއެއް: މިނިސްޓަރ

ޒުވާން ހަތީބުން މުޖުތަމައަށް ދައްކައިދެމުންދަނީ ވަރަށް ރިވެތި ނަމޫނާއެއް ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޒުވާން ހަތީބުން ތަމްރީން ޕްރޮގުރާމުގެ ތިންވަނަ ބުރު ނިންމާ ސަނަދު ހާސިލްކުރި ދަރިވަރުންނަށް ސަނަދު އެރުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.

 

އެ ރަސްމިއްޔާތު ޝަރަފްވެރިކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ މިކަމުގެ މަތީގައި އަބަދަށް ދެމިތިބުމަށާއި މި ދާއިރާއިން އިތުރަށް ހުނަރު ތަރައްގީކުރުމަށް މަސައްކަތް ކުރެއްވުމަށް ޒުވާން ހަތީބުންނަށް ނަސޭހަތްތެރިވެލައްވާފައެވެ. އަދި މި ޕްރޮގުރާމަކީ މިގައުމުގެ މުސްތަގުބަލުގެ އިސްލާމީ ޝަހުސިއްޔަތު ދެމެހެއްޓުމަށް ފަރުމާކުރެވިފައިވާ ޕްރޮގުރާމެއްކަން ފާހަގަކުރެއްވިއެވެ.

 

މީގެއިތުރުން މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއްކަމަށާއި ރައީސްގެ އެންމެ ފުރަތަމަ ތަގުރީރުގައި ފާހަގަކުރެއްވި، މީހުން ބިނާކުރުމާއި ފިކުރީ ގޮތުން ކުރިއެރުވުމުގެ ތަސައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގުރާމެއްކަމަށް ވެސް ވިދާޅުވިއެވެ.

 

ހަމަމިއާއެކު ޒުވާން ހަތީބުންނަށް އަގުހުރި ގިނަ ނަސޭހަތްތަކެއް ދެއްވާ ވިދާޅުވީ މި ޕްރޮގުރާމުގައި ބައިވެރިވި ޒުވާން ކުދިން އިހްތިޔާރުކޮށްފައިވަނީ ވަރަށް މާތް މަގެއްކަމަށާއި ހަތީބުކަމުގެ މަގާމަކީ ވަރަށް މަތީ އަދި ޝަރަފްވެރި މަގާމެއްކަމަށެވެ. އަދި ޒުވާން ހަތީބުން އިސްވެ މިދާއިރާއިން އިތުރު ޒުވާނުން ކުރިއަށް ދިއުމަށް ހިއްވަރުދީ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. 

 

މިނސްޓަރު އިތުރަށް ވިދާޅުވީ ޒުވާން ހަތީބުން ތަމްރީން ޕްރޮގުރާމު ނިންމާ ޒުވާނުންނަށް ރަށްރަށުން ކިޔާ ހޫނު މަރުހަބާއާއި ޢީދު ނަމާދު ފަދަ ބޮޑެތި ޖަމާއަތްތަކުގައި އިމާމުވެ، ނަމާދުކުރުމުގެ ފުރުސަތު ދޭ މަންޒަރަކީ އުފާވެރި މަންޒަރެއްކަމަށެވެ. މިކަމުން އެނގިގެންދަނީ މި ޕްރޮގުރާމު ބަލައިގެންފައިވާ މިންވަރުކަމަށް ވެސް ވިދާޅުވިއެވެ.

 


  • ޑރ. ޝަހީމް
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް