ޚަބަރު ރާއްޖެ

ދިވެހި ބޭސްވެރިކަމުގެ ފަންނު ވަނީ ދިރުވައި އާލާކޮށް ހިމާޔަތް ކުރަން ޖެހިފަ: މޭޔަރ އާޒިމް

ދިވެހި ބޭހެއް ހެދުމަށް ތަކެތި ތައްޔާރުކޮށްފަ - ފޮޓޯ: ކުޑޭ

ދިވެހި ބޭސްވެރިކަމުގެ ފަންނު ދިރުވައި އާލާކޮށް ހިމާޔަތް ކުރަން ޖެހިފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

 

މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ ދިވެހި ބޭސްވެރިންގެ ޖަމިއްޔާއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަކީ ދިވެހި ބޭސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

 

ޢާޒިމް ވިދާޅުވީ ދިވެހި ބޭސްވެރިކަމަކީ ޒަމާނުއްސުރެ ދިވެހިން ޞިއްޙީ ދުޅަހެޔޮކަމަށް ބޭނުންކުރަމުން އައިސްފައިވާ، އަދި ދިވެހިންނަށް ވަރަށް މުހިންމު ތަރިކައެއް ކަމަށެވެ. ނަމަވެސް، މިހާރު މި ތަރިކަ އުވިގެން ނެތިގެންދާކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

 

އެހެންކަމުން މި ދާއިރާ ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލައި، އެ ކަންކަމަށް ކައުންސިލުން މަގުފަހިކޮށްދެއްވާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ. އަދި ދިވެހި ބޭސްވެރިންގެ ޖަމިއްޔާއަށް މި ކަމުގެ ޔަގީންކަމެއް ދެއްވާފައެވެ.

 

އެގޮތުން ދިވެހި ބޭސްވެރިކަމަށް ބޭނުންވާ މުހިންމު ފަތްޕިލާވެލި ލިބިދިނުމަށް ފަސޭހަކުރުމަށް، އެ ފަދަ ގަސްތައް މާލެ ސިޓީގެ ޕާކުތަކާއި، ސަހަރާތަކާއި، މިސްކިތްތަކުގައި އިންދައި، އާލާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުއެވެ.

 

މީގެއިތުރުން ޒީނަތްތެރިކުރުމަށް އިންދާ ގަސްތަކުގެތެރޭގައި ވެސް، ބޭސްވެރިކަމަށް ބޭނުންވާ ގިނަ ގަސްތައް އިތުރުކުރުމަށް ކައުންސިލަށް ހުށަހަޅައިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ބޭނުމަކީ ދިވެހި ބޭސްވެރިކަމަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިން ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

 

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިވެހި ބޭސްވެރިންގެ ޖަމިއްޔާގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ، ދިވެހި ބޭހަށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ ފަތްޕިލާވެލި، ފަސޭހައިން މާލެ ސަރަހައްދުން ތާޒާކަމާއެކު ނުލިބޭކަމަށެވެ. މިއީ ދިވެހި ބޭސްވެރިން ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް ވެސް އަހުމަދު ފާހަގަކުރެއްވިއެވެ.

 

މާލެ ސިޓީ ކައުންސިލުގެ މި ފަދަ އެހީތެރިކަމާއެކު، ދިވެހި ބޭސްވެރިކަމުގެ ފަންނު އާލާވެ، އެ ކަމުގެ ސަބަބުން ދިވެހިންގެ ސިއްހީ ދުޅަހެޔޮކަން އިތުރުވެގެން ދާނެ ކަމަށް އަހުމަދު ވިދާޅުވެއެވެ.

 

ދިވެހި ބޭސްވެރިންގެ ޖަމިއްޔާ އުފެދިފައި ވަނީ 1980 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

 

 


  • އާދަމް އާޒިމް
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް