ތުރުކީން ރާއްޖެއަށް ހަދިޔާކުރި މަނަވަރު އެމްއެންޑީއެފް އާ ހަވާލުކޮށް، ކޮމިޝަން ކޮށްފިއެވެ.
މިކަމަށްޓަކައި ހުޅުމާލެ އެމްޕީއެލް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިފައިންގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއެވެ.
ދަރުމަވަންތައިގެ ނަން ދީފައިވާ މި މަނަވަރު ހަވާލުކޮށްދެއްވީ ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ އެޑްމިރަލް ކަދިރް ޔިލްޑްޒްއެވެ. ރާއްޖޭގެ ފަރާތުން މަނަވަރާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި ރަސްމިއްޔާތުގައި މަނަވަރުގެ ނަން ކަޝްފުކޮށްދެއްވީ ސިފައިންގެ އެންމެމަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުއެވެ. އެއަށްފަހު ދިވެހިރާއްޖޭގެ ގައުމީ ދިދައާއި ހިދުމަތް ފެށުމުގެ ލިޔުން އެމަނިކުފާނު ވަނީ ހަވާލުކޮށްދެއްވާފައެވެ. ގައުމީ ދިދަ އާއި ހިދުމަތް ފެށުމުގެ ލިޔުމާއި ހަވާލުވެލެއްވީ ދަރުމަވަންތަ މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނަންޓް ކާނަލް ޙަސަން ޝިނާންއެވެ.
އަސްކަރީ މަނަވަރު ކަމިޝަން ކުރުމުގެ ގޮތުން ސިފައިންވަނީ މަނަވަރުގައި ހާއްސަ ޑްރިލްއެއް ބާއްވާފައެވެ.
މި މަނަވަރު ރާއްޖެ ގެނެސްފައިވަނީ ބޮޑެތި ކަނޑު އުޅަނދު އުފުލާ، "ބްރޭކް ބަލްކް ކެރިއަރ" އަކަށް ލައިގެން މި މަހުގެ 9 ވަނަ ދުވަހުއެވެ. މިއީ ޑޯގަން-ކްލާސްގެ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދެއް ކަމުގައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެކެވެ.
އެގައުމުގެ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ހަދިޔާކުރި ޑޯގަން ކްލާސް މި އުޅަނދު ގައުމީ ދިފާއީ ބާރުގެ ހިދުމަތަށް ނެރެ، އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެގޮތުން ތުރުކީގައި ދިވެހި ސިފައިން ވެސް ވަނީ ތަމްރީނުކޮށްފައެވެ.
މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުުރުމުގެ ގާބިލުކަންހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ނެގުނު ވަރަށްމުހިންމު ފިޔަވަޅެކެވެ.
ތުރުކީގެ އަނަދޯލު އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރާއްޖެއާ އެކު އެގައުމުން ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރީ މިސައިލު ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ޓީސީޖީ ވޯލްކަން، ޕީ-343 މަރުކާގެ މަނަވަރެކެވެ. އެ މިސައިލް ބޯޓްތަކަކީ ހާޕޫން އެންޓި-ޝިޕް މިސައިލްތަކާއެކު ތުރުކީ ކަނޑުގެ ސިފައިން ބޭނުންކުރަން ފެށި ފުރަތަމަ ބާވަތުގެ މަނަވަރެވެ.