ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށްދޭ ސްކޮލަރޝިޕާއި ހާއްސަ ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިޔުުން ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކޮށްދެއްވީ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ.
މިފަހަރު ސްކޮލަރޝިޕް 24 ފަރާތަކަށް ލިބިފައިވާއިރު، ފުލް ސްކޮލަރޝިޕް ލިބުނު 17 ފަރާތަކާއި ސްޓިޕެންޑް ލިބުނު 6 ފަރާތަކާއި ޓިއުޝަން ފީ ލިބުނު ފަރާތަކަށް ވަނީ ލިޔުން ހަވާލުކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ގައުމުތަކުގައި މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތުތަކެވެ.
ރާއްޖޭން ބޭރުން ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގައުމުތަކުގެ ތެރޭގައި މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ އަދި މިސްރު ހިމެނެއެވެ.
މި ސްކޮލަރޝިޕްތަކަށް އެދުމުގެ ފުރުސަތު އޭޕްރިލް މަހު ހުޅުވާލިއިރު، މެއި މަހުގެ 29 ވަނަ ދުވަހަަށް ވަނީ ފުރުސަތު ހަމަވެފައެވެ. މި ސްކޮލަރޝިޕް ލިބުނު ފަރާތްތަށް ކަނޑައަޅާފައިވަނީ އެކަމަށް ހާއްސަކޮށް ނަގާފައިވާ ގާބިލު ކޮމިޓީއަކުންނެވެ.
މި ރަސްމިއްޔާތުގައި ޒަކާތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕް ރެޒެންޓޭޝަނެއް ވެސް ދައްކާފައިވެއެވެ.