ޚަބަރު ރާއްޖެ

މާލެ ސިޓީ ކައުންސިލުން ތައްޔާރު ކުރަމުންދާ ލޭންޑް އޮޑިޓުގެ އަދާހަމަ ކައުންސިލުގެ ތަޅުމަށް

ސަރުކާރު މުވައްޒަފުންގެ ނާދީ ކުރިން ހުރި ބިމުގައި ހަދަމުންދާ ފްލެޓުތައް - ފޮޓޯ: ކުޑޭ

މާލެ ސިޓީ ކައުންސިލުން ތައްޔާރު ކުރަމުން އަންނަ ލޭންޑް އޮޑިޓުގެ އަދާހަމަ ކައުންސިލުގެ ޖަލްސާގައި ހިއްސާކޮށްފިއެވެ.

 

އެ ކައުންސިލުގެ އާރބަން ޕްލޭނިންގ ގެ ކޮންސެލްޓަންޓުން ތައްޔާރު ކުރަމުންދާ ލޭންޑް އޮޑިޓުގައި ހިމެނޭ ބިންތަކާއި އެބިން ބޭނުން ކުރަމުންދާ ގޮތް ދައްކުވައިދޭ ޗާޓު ތައްޔާރު ކުރުމަށް މާލެއާއި ވިލިމާލޭގެ ހުރިހާ ބިމަކަށް މައުލޫމާތު އަޅަމުންދަނީ ޑްރޯން އިމޭޖިނެރީ ބޭނުން ކޮއްގެން އެބިންތައް ވަކި ވަކިން ޖިޔޯރިފެރެންސް ކޮށްގެންނެވެ.

 

ޕްލޭނިންގ ގެ ކޮންސެލްޓަންޓު ހުސެން ޒިޔަތު ވިދާޅުވީ މި އޮޑިޓުގައި މިހާރުވާނީ މާލޭގެ ހުރިހާ ކޮއްޓެއްގެ ބޮޑުމިނާއި އެކޮށިތަކުގައި ހިމެނޭ ގޯތިތަކުގެ ބޮޑުކުޑަމިން ފެންނާނޭހެން އަޕްޑޭޓް ކުރެވިފައި ކަމަށެވެ. މާލެއާއި ވިިމާލޭގެ ހުރި ގެތަކުގެ އަދަދާއި ސްކޫލުތަކާއި ފިހާރަތަކާއި އޮފީސްތަކާއި އެނޫންވެސް ބިންތަކުގެ މައުލޫމާތު ވަކިން ވަކިން ފެންނަން ހުންނާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

 

"މުޅި ލޭންޑް އިންފޮރމޭޝަން ސިސްޓަމް ނިމޭއިރު މާލޭގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމަށާއި ބިންތައް ބޭނުން ކުރެވޭގޮތް ސިޓީ ކައުންސިލަށް ދެނެގަތުމަށް ފަސޭހަވެގެން ދާނެ."

 

މުޅި ރާއްޖޭގެ 41 އިންސައްތައިގެ އާބާދީ ދިރިއުޅެމުން އަންނަ ސަރަހައްދަކީ މާލެ ސިޓީއެވެ. އޭގެ 68 އިންސައްތަ މީހުން ދިރިއުޅެމުން އަންނަނީ މާލެއާއި ވިލިމާލޭގައެވެ. ބާކީ32 އިންސައްތަ މީހުން އެއީ ހުޅުމާލޭގައި ދިރިއުޅެމުންދާ މީހުންނެވެ.

 

މިހާބޮޑު އާބާދީއެއްގެ މީހުން އެއްތަނެއްގައި އުޅެން ޖެހުމުގެ ސަބަބުން މާލޭގެ އަވަށްތަކުގެ ބައެއް ސަރަހައްދުތައް ތޮއްޖެހި އިންސާނުން ދިރިއުޅުމަށް ބޭނުންވާ ޖާގަ ނެތްކަން މި އޮޑިޓުންވަނީ ފާހަގަ ކުރެވިފައެވެ.

 

ވިލިމާލޭގައި ދިރިއުޅޭ މީހަކަށް 193 އަކަފޫޓުޖެހޭއިރު ހުޅުމާލޭގައި ދިރިއުޅޭ މީހަކަށް ޖެހެނީ 27 އަކަފޫޓެވެ. މާލެސިޓީގައި އެންމެ ކުޑަ ޖާގައެއްގައި މީހުން ދިރިއުޅެމުން އަންނަ ރަށަކީ މާލެއެވެ. އެއީ ބޮލަކަށް 5.4 އަކަފޫޓުވެ. ބޮޑު ތަށިމުށިގަނޑެއްގެ ފުޅާމިނެވެ. އިންސާނުން ދިރިއުޅުމަށް ކަމުދާ އެންމެ ކުޑަ މިންގަނޑެއް ގޮތުގައި ދުނިޔޭގެ ސިއްހަތާއި ބެހޭ އިދާރާއިން ކަނޑައަޅާފައިވާ މިންގަނޑަކީ ބޮލަކަށް 96.8 އަކަފޫޓެވެ.

 

މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 207 ވަނަ ޖަލްސާގައި މި އޮޑިޓުގެ އަދާހަމަ ހިއްސާކުރެއްވުމަށް ފަހު މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މިއީ މާލެ ސިޓީ ކައުންސިލުން ލޭންޑް އޮޑިޓްޓެއް މިހާ ތަފްސީލުކޮށް ތައްޔާރު ކުރަމުންދާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މާލެ ސިޓީގެ ގޭބީސީތަކުގައި ދިރިއުޅޭ ފަރާތް ތަކަށް އެބައެއްގެ ގެދޮރާއި ގުޅޭ މައުލުމާތު ވަގުތުން ފެންނަން ހުންނަން ޖެހޭނެކަން ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

 

އެގޮތުގެ މަތިން އެގެއެއްގައި ދިރި އުޅޭ ފަރާތްތަކަށް އެ މައުލޫމާތުތައް ފެންނާނެހެން ޕޯޓަލްއެއް ހުޅުވާލާނެކަމަށް ވިދާޅުވިއެވެ.  އަދި ގޯތީގައި ހިންގާ ވިޔަފާރިތަކާއި ކާރު، ގަރާޖް ހުއްދަ ދެވިފައިވާނަމަ އެ މައުލޫމާތުތައް ވެސް އެ ޕޯޓަލްގައި ފެންނަން ހުންނާނެކަމަށް ވިދާޅުވިއެވެ.

 

އޭގެ ތެރެއިން ބައެއް މައުލޫމާތުތަކަކީ ޒާތީ މައުލޫމާތުތަކަށް ވުމުން ކޮންމެ ފަރާތަކަށް ވެސް މިޕޯޓަލް ބޭނުން ކުރެވޭނީ 'އީފާސް' މެދުވެރި ކޮށްގެން ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

 

 


  • އާދަމް އާޒިމް
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް