ޚަބަރު ރާއްޖެ

ދައުލަތަށް އެންމެ ލުއިކޮށްދެނީ ޒަކާތު ފަންޑުން: މިނިސްޓަރ

ރާއްޖޭގައި ހުރި ފަންޑުތަކުގެ ތެރެއިން ދައުލަތަށް އެންމެ ލުއިކޮށްދޭ ފަންޑަކީ ޒަކާތު ފަންޑުކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޒަކާތު ސްކޮލަރޝިޕް ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

 

7 އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ސްކޮލަރޝިޕް ހަވާލުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ޒަކާތާގުޅޭ ކަންކަން އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަށް އެކުލަވާލެވޭ ހާއްސަ ގާނޫނަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މުޅި އިސްލާމީ ދުނިޔޭގައިވެސް ފާހަގަކޮށްލެވޭފަދަ ރަނގަޅު ހަރުދަނާ ޒަކާތުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

 

މީގެއިތުރުން އާސަންދައާއި އެނޫންވެސް ސަރުކާރުގެ ބޭސްފަރުވާގެ ނިޒާމުގެ ތެރެއިންވެސް ހަރަދު ނުކުރެވޭ ފަރާތްކަށް މުހިއްމު ހަރަދުތަކެއް ޒަކާތު ފަންޑުން ކޮށްދެއްވާކަން ފާހަގަކުރައްވާ، އޭގެތެރޭގައި ކިޑްނީ ޓްރާންސްޕްލާންޓު ކުރުމާއި، ލިވަރ ޓްރާންސްޕްލާންޓާއި ބޯންމެރޯ ޓްރާންސްޕްލާންޓުފަދަ ކަންކަމަށް މިލިޔަނުން ހަރަދުކުރެވޭކަން ޑރ. ޝަހީމް ފާހަގަކުރައްވާފައި ވެއެވެ.

 

"އެނޫނަސް ފުދުންތެރިކަން ނެތް އެތައް ބަޔަކަށް ޒަކާތު ފަންޑުން އަންނަނީ އެހީތެރިވަމުން."

 

މިނިސްޓަރު ވަނީ އެކި ދާއިރާތަކުން ރާއްޖެއަށް އައި އިސްލާހީ ބަދަލުތަކުގެ ތެރެއިން ވެސް ސިޔާސީ ގޮތުން ރޯޅިއެއް ނުވަތަ ލޮޅުމެއް ނައިސްއޮތް ހަމައެކަނި ދާއިރާއަކީ ޒަކާތުގެ ދާއިރާކަން ވަނީ ފާހަގަކުރައްވާފައެވެ.

 

އިސްލާމީ ދުނިޔޭގެ މިއަދުގެ ތަސައްވުރަކީ ޒަކާތުގެ ނިޒާމު ހަރުދަނާކުރުންކަމަށްވާއިރު، ޒަމާނާ ގުޅޭގޮތަށް ޒަކާތުގެ އިދާރާތައް ތަރައްގީކުރަމުންދާކަމަށާއި ދުނިޔޭގެ އެންމެ ފުރިހަމަ ޒަކާތުގެ ނިޒާމެއް އޮންނަ އިސްލާމީ ގައުމުތަކާ އެއްގޮތަށް ރާއްޖޭގައި ވެސް ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވޭކަމަށް ވިދާޅުވިއެވެ.

 


  • ޒަކާތު ހައުސް
  • ޒަކާތް
  • ޑރ. ޝަހީމް
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް