ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރި 11 ބިދޭސީން އިމިގްރޭޝަނުން ހޯދައިފިއެވެ.
އެ އިދާރާ އިން ވިދާޅުވީ މިއީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ކުރިއަށް ގެންދިއަ ރެއިޑް އޮޕަރޭޝަނެއްގައި ފެނުނު މީހުން ކަމަށެވެ.
ހުޅުމާލޭގައި ބިދޭސީން ހަރަކާތްތެރިވާ ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށާއި އެތަންތަނުން ސައްހަ ވިސާއެއްނެތި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ 11 ބިދޭސީއެއް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވަނީ ހާމަކުރައްވާފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ނުގަވާއިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަންތަކެއް ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ހިންގަމުންނެވެ.
އިމިގްރޭޝަންގެ މަގުސަދަކީ މިފަދަ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.
ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް ވެސް އަންނަނީ ހިންގަމުންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް ތިން އަހަރުގެތެރޭ ހައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.