މާލޭގެ ހަތަރު އަވަށުގައި ވެސް ބާވެ، ރެނދު ލައި، ތަޅައިލަންޖެހޭ، ގިނަ އިމާރާތްތައް މިހާރު ވެސް އެބަހުރި ކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 208 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ މާލޭގެ ބައެއް އިމާރާތްތައް ބާވެ، ވެއްޓެން ކައިރިވެފައިވުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި އޭގެސަބަބުން ރައްޔިތުންގެ ފުރާނައަށް ނުރައްކާ ވެދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.
މިކަމާ ފުންކޮށްވިސްނައި، އެ އިމާރާތްތައް މޮނިޓަރކޮށް، އިމާރާތްތައް ރަނގަޅަށް މަރާމާތުކޮށް، އެފަދަ ބިރުވެރިކަމެއް ދިމާވެދާނެ ހާލަތެއް މެދުވެރިނުވާނެ ގޮތް ހެދުމަކީ، އިމާރާތުގެ ވެރި ފަރާތުގެ ޒިންމާއެއް ކަމަށް ވިދާޅުވިއެވެ. އަދި ދާދި ފަހުން، ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި، ސަލާހުއްދީން ބިލްޑިންގ ގެ ބައެއް ވެއްޓި، ރައްޔިތުންގެ މުދާތަކަކަށް ގެއްލުންތަކެއްވެފައިވާކަން ފާހަގަކުރައްވާ މޭޔަރު ވަނީ މިފަދަ ބައު އިމާރާތްތައް ތަޅައި، އެ ތަންތަން ސާފު ކޮށްދިނުމަށް، އިމާރާތުގެ ވެރިން، ކައުންސިލުގައި އެދެމުންދާ ކަމަށާއި، ނަމަވެސް ކައުންސިލްގައި އެކަން ކުރުމުގެ ފައިސާ އާއި ވަސީލަތްތައް ނެތް ކަމަށެވެ.
ގާނޫނުގައި ބުނެފައިވާ ގޮތަށް ބާވެފައިވާ އިމާރާތުގެ ވެރިފަރާތުގައި އެ އިމާރާތް ތަޅައިލުމުގެ މާލީ ތަނަވަސްކަން ނެތް ހާލަތުގައި ސަރުކާރުން އެ އިމާރާތް ތަޅައިލުމަށް ފަހު، އެ ކަމަށް ހިނގި ޚަރުދު ހޯދުމަށް އިމާރާތުގެ ވެރި ފަރާތަށް ބިލް ހުށަހަޅަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ކަމަށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މޭޔަރ އިތުރަށް ވިދާޅުވީ މިކަމަށް ހައްލެއް ހޯދޭނެ ކަހަލަ ގާނޫނެއް ހަދައި ނުވަތަ، ނިޒާމެއް ކަނޑައަޅާފައި ބޭއްވުމަކީ ވިސްނަން ޖެހޭ ކަމެއް ކަމުގައެވެ. މިއީ މި ގޮތަށް ދޫކޮށްލައިފައި ބޭއްވޭ ވަރުގެ ކުޑަ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.