ޚަބަރު ރާއްޖެ

އިމިގްރޭޝަން އޮފިސަރުންނަކީ ގައުމުގެ މޫނުމަތި: ފަސީހް

ހިދުމަތް ރަނގަޅުކޮށް، އިތުރަށް ހަރުދަނާ ކުރުމަށް އިމިގްރޭޝަނުން އައު ތިން ކެމްޕޭނެއް ފަށައިފިއެވެ.

 

މޯލްޑިވްސް އިމިގްރޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން ފެށި މި ކެމްޕޭންތަކަކީ ހިނިތުންވުމާއެކު ހިދުމަތްދިނުން، ނަޒާހަތްތެރިކަން އިސްކުރުން، އަދި އިންސާނިއްޔަތުކަން ދެމެހެއްޓުމެވެ.

 

މި ކެމްޕޭންތައް އިފްތިތާހުކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ (ރޓ) އަޙްމަދު ފަސީޙްއެވެ.

 

"ހިނިތުންވުމާއެކު ޚިދުމަތްދިނުން" ކެމްޕޭނުގައި އަލިއަޅުވާލަނީ ފެންވަރު ރަނގަޅު ހިދުމަތް ފޯރުކޮށްދިނުމަށެވެ. އަދި އޮފިސަރުން އޯގާތެރިކަމާއި ހިތްހެޔޮކަމާއެކު ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ހިތްވަރުދިނުމަށެވެ. "ނަޒާހަތްތެރިކަން އިސްކުރަމާ" ކެމްޕޭނަކީ ތެދުވެރިކަމާއި، ހާމަކަން ބޮޑުކަމާއި، ޖަވާބުދާރީވުން އިތުރުކުރުމުގެ މަގުސަދުގައި ފެށި ކެމްޕޭނެކެވެ. އަދި އެންމެ މަތީ ދަރަޖައިގެ އަހުލާގީ މިންގަނޑުތައް ދެމެހެއްޓުމުގެ ޒިންމާ އޮފިސަރުންނަށް ހަނދާންކޮށްދިނުމަކީ ވެސް މަގުސަދެކެވެ.

 

މީގެއިތުރުން "އިންސާނިއްޔަތުކަން ދެމެހެއްޓުން" ކެމްޕޭނުގައި އަލިއަޅުވާލަނީ ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކާމެދު އިހުތިރާމާއި، ހަމަހަމަކަމާއި، ގަދަރުވެރިކަމާއެކު މުއާމަލާތްކުރުމުގެ މުހިންމުކަމަށެވެ.

 

މި ކެމްޕޭންތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންޓްރޯލަރ ޖެނެރަލް ވިދާޅުވީ އިމިގްރޭޝަން އޮފިސަރުންނަކީ ގައުމުގެ މޫނުމަތި ކަމަށާއި ސަބަބަކީ ފަތުރުވެރިން އައުމުން އެންމެ ފުރަތަމަ މަރުހަބާ ކިޔާ އަދި ފުރާއިރު އެންމެ ފަހުން ދިމާވާނެ ފަރާތްތަކަކީ އެއީ ކަމުގައިވާތީ ކަމަށެވެ.

 

"އަޅުގަނޑުމެން ދޭ  ފެންވަރު ރަނގަޅު ހިދުމަތަކީ މުއައްސަސާގެ އަދި ގައުމުގެ އަގުވެސް ހިފަހައްޓައިދޭނެ ކަމެއް. މި ކެމްޕޭންތަކުން އަޅުގަނޑުމެންނަށް ހަނދާންކޮށްދޭނީ ނަޒާހަތްތެރިކަމާއި، އިޙްތިރާމާއެކު، އަބަދުވެސް ހިނިތުންވުމާއެކު ޚިދުމަތްދިނުމުގެ މުހިންމުކަން. އަޅުގަނޑުމެން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންވީ އިތުބާރު ހިފޭ، ރައްޔިތުންގެ ލޯތްބާއި ގަދަރު އަބަދުވެސް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ދެމިތިބުމަށް"

 

ކެމްޕޭންތައް ފެށުމަށްފަހު، ކޮންޓްރޯލަރ ޖެނެރަލް ވަނީ ޑިވިޜަންތަކަށް ޒިޔާރަތްކުރައްވައި، އަމިއްލަފުޅަށް މި ކެމްޕޭންތައް ތައާރަފުކޮށްދެއްވައި، ކޮންމެ ދުވަހަކު ކުރާ މަސައްކަތްތަކުގައި މި ރަނގަޅު އަމަލުތައް ހިމެނުމުގެ މުހިންމުކަމަށް އަލިއަޅުއްވާލާފައެވެ.

 

 

 

މި ކެމްޕޭންތައް މާލެއާއި އަތޮޅުތަކުގައި ހުރި އެކި އޮފީސްތަކުގައި ކުރިއަށްދާނެއެވެ. އަދި ހުރިހާ އިމިގްރޭޝަން އޮފިސަރުން މީގައި ޢަމަލީގޮތުން ބައިވެރިވާނެއެވެ. މީގެ އިތުރުން، ކަސްޓަމަރ ސަރވިސްއާއި، ނަޒާހަތްތެރިކަމާއި، އިންސާނީ ހައްގުތަކުގެ މުހިންމުކަމާ ގުޅޭގޮތުން ތަޖުރިބާކާރުން ކުރިއަށްގެންދާ ސެޝަންތައްވެސް މި ކެމްޕޭންގެ ދަށުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

 


  • އިމިގްރޭޝަން
  • ފަތުރުވެރިކަން
  • ކޮމެންޓް