ޚަބަރު ރާއްޖެ

މާލޭގައި ބައުވެފައިވާ 25 އިމާރާތް އެބަހުރި

މާލޭގައި މީހުން ދިރިއުޅެން އެކަށީގެން ވާ މިންވަރަށް ވުރެ ބޮޑަށް، ބާވެފައިވާ އިމާރާތުގެ ގޮތުގައި މިހާތަނަށް ފާހަގަ ކުރެވިފައިވާ ތަންތަނުގެ ލިސްޓެއް މާލެ ސިޓީ ކައުންސިލުން އެކުލަވާލައިފިއެވެ.

 

އެ ކައުންސިލުން އެކުލަވާލި މި ލިސްޓުގައި މާލޭގެ ހަތަރު އަވަށުން މިހާތަނަށް 25 އިމާރާތެއް ފާހަގަކޮށްފައިވާއިރު، އެފަދަ ތަންތަން އެންމެ ގިނައިން ހުރި ހޭންވޭރުގައި ކަމަށް ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން 14 އިމާރާތް ހުރިކަމަށް ފާހަގަކުރައްވާފައި ވެއެވެ. އަދި މާފަންނުގައި 8، ގަލޮޅުގައި 7 އަދި މައްޗަންގޯޅިގައި 5 އިމާރާތް ހުރިކަމަށް ކައުންސިލުން ހާމަކުރައްވައެވެ.

 

މިކަމާއިގުޅިގެން މޭޔަރ އާދަމް ޢާޒިމް ވަނީ ދާދި ފަހުން ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި ސަލާހުއްދީން ބިލްޑިންގގެ ބައެއް ވެއްޓި، ރައްޔިތުންގެ މުދާތަކަކަށް ގެއްލުންތަކެއްވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ފަދަ ބައު އިިމާރާތްތައް ތަޅައި، އެ ތަންތަން ސާފު ކޮށްދިނުމަށް އިމާރާތުގެ ވެރިން، ކައުންސިލުގައި އެދެމުންދާ ކަމަށާއި އެހެންނަވެސް ކައުންސިލްގައި އެކަން ކުރުމުގެ ފައިސާ އާއި ވަސީޫލަތައް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.

 

މީގެއިތުރުން ގާނޫނުގައި ބުނެފައިވާ ގޮތަށް ބާވެފައިވާ އިމާރާތުގެ ވެރިފަރާތުގައި އެ އިމާރާތް ތަޅައިލުމުގެ މާލީ ތަނަވަސްކަން ނެތް ހާލަތުގައި ސަރުކަރުން އެ އިމާރާތް ތަޅައިލުމަށް ފަހު، އެކަމަށް ހިނގި ހަރަދު ހޯދުމަށް އިމާރާތުގެ ވެރިފަރާތަށް ބިލް ހުށަހަޅަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

 


  • އާދަމް އާޒިމް
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް