ޚަބަރު ރާއްޖެ

ބައިނަލްއަގުވާމީ 2 ވަނަ ޒަކާތު ކޮންފަރެންސްފަށައިފި

ބައިނަލްއަގުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް (އިންޒެކް 2025) ރަސްމީކޮށް ފަށައިފިއެވެ.

 

މިކަމަށްޓަކައި މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މެލޭޝިޔާގެ އިންސިފް ޔުނިވަރސިޓީގެ އެސޯސިއޭޓް ޑީން، ޕްރޮފޮސެރ ޑރ. ޢާއިޝަތު މުނީޒާއެވެ.

 

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއާއި ޒަކާތު ހައުސްއާއި ވުޒާރާގެ އިސްވެރިންނާއި ރާއްޖޭގެ އިސްލާމީ ފައިނޭންސް ދާއިރާގައި ހަރަކާތްތެރިވާ އެކި ބޭފުޅުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.

 

ޕްރޮފެސަރ ޑރ. އާޢިޝަތު މުނީޒާ ވަނީ މިފަދަ ކޮންފަރެންސްތަކުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެެވެ. އަދި ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދި ޒަކާތުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުންތައް ފާހަގަކުރައްވާ މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

 

 

 

ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތައް ބައިވެރިވެއެވެ. އަދި މުޖުތަމައުގެ އިސްވެރީން ގުޅިގެން، އިޖްތިމާއީ ދުޅަހެޔޮކަމާއި އިގުތިސާދީ ހަމަޖެހުމަށްޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

 

މި ކޮންފަރެންސްގައި އެންމެ ބޮޑަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާއީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށެވެ. އަދި ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްްގީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންވެސް މި މަހާސިންތާގައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުންނާއި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިގުތިސާދީ ދާއިރާގެ މާހިރުން ބައިވެރިވެލައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

 


  • ޒަކާތު ހައުސް
  • ޒަކާތް
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް