މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގ އާރޓްސް (އެމްއެސްޕީއޭ) އިން ބާއްވާ ފުރަތަމަ ފިލްމު އެވޯޑްސް ރޭ ބާއްވައިފިއެވެ.
"އެމްއެސްޕީއޭ ފިލްމު އެވޯޑްސް 2024" ގެ ނަމުގައި ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި 26 ކެޓަގަރީއަކުން 32 އެވޯޑު ވަނީ ދީފައެވެ. އަދި ފިލްމީ ދާއިރާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑްސް ދީފައިވަނީ ރާއްޖޭގެ ފިލްމީ ދާއރާގެ ކުޅަދާނަ ފަންނާނު މަރުހޫމް ޗިޅިޔާ މޫސާ މަނިކުގެ ހަނދާނުގައެވެ.
މި އެވޯޑު މިއަހަރު ވަނީ ދެ ފަރާތަކަށް ދީފައެވެ. އެއީ އައިޝަތު ޝިރާނީއަށާއި ޖަންބު ހަސަން އަފީފަށެވެ.
1992 ވަނަ އަހަރު ފިލްމު ދިވެހި ފިލްމު ނަސީބުން ފިލްމީ ދާއިރާ އިން ނުކުތް ޝިރާނީ ވަނީ ފިލްމާއި ސިލްސިލާ ޑްރާމާ، ޓެލެޑްރާމާތަކުގައި ހަރަކާތްތެރިވެ، ގިނަބައެއްގެ މަގުބޫލުކަން ހޯދާފައެވެ. އަދި ލަވަތަކުން ވެސް ލޯތްބާއި ރުހުން ވަނީ ހޯދާފައެވެ.
ޝިރާނީ ވަނީ 1994 ވަނަ އަހަރު ބޭއްވި "ދިވެހި ފިލްމު ފެސްޓިވަލް-1" ގައި އެންމެ މޮޅު ސަޕޯޓިންގ އެކްޓްރެސްގެ މަގާމާއި "އާފަތިސް އެވޯޑްސް 1995" ގައި އެންމެމޮޅު އެކްޓްރެސްގެ އިނާމު ހާސިލުކޮށްފައެވެ. އަދި 1997 ވަނަ އަހަރު އެންމެމޮޅު ނެށުންތެރިޔާގެ އިނާމާއި، "އާފަތިސް ފިލްމީ އިނާމު 1998" ގައި އެންމެމޮޅު އެކްޓްރެސްގެ އިނާމު ވެސް ހޯދާފައި ވެއެވެ.
މީގެއިތުރުން 2001 ވަނަ އަހަރު މުނިފޫހިފިލުވުމުގެ ދާއިރާއިން ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު ވެސް ސަރުކާރުން ވަނީ ޝިރާނީއަށް ދެއްވާފައެވެ.
ރާއްޖޭގައި އެންމެފުރަތަމަ އުފެއްދި ކޮމަރޝަލް ފިލްމް ތިން ފިޔަވަޅުން ދިވެހި ފިލްމީ އުދަރެހަށް ފިޔަޖަހާލ ޖަންބޭ ވަނީ ފިލްމުތަކަކާއި، ޑްރާމާ ސިލްސިލާ އަދި ވީޑިއޯ ލަވަތައް ވެސް ކުޅެފައެވެ. އޭނާ ފިލްމީ ދާއިރާއާއި ދުރަށް ދިޔައީ ކުރިމަތިވި ނުރައްކާތެރި، އެކްސިޑެންޑެއްގެ ސަބަބުންނެވެ.
މިއަހަރުގެ ފިލްމު ފެސްޓިވަލްގައި 19 ފިލްމެއް ވަނި ބައިވެރިކޮށްފައެވެ. މިއީ ދިވެހި ފިލްމީ އުފެއްދުންތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމްއެސްޕީއޭ އިންް އަލަށް ތައާރަފްކުރި އެވޯޑެކެވެ.
2018 އިން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ނެރެފައިވާ ފިލްމުތަކަށް މި އެވޯޑުގައި ވާދަކުރުމުގެ ފުރުސަތު ދީފައިވާއިރު، އެވޯޑު ހަފުލާ ބޭއްވުމަށް ކުރިން ނިންމާފައި އޮތީ ނިމިދިޔަ 2024 ވަނަ އަހަރުއެވެ. އެހެންނަމަވެސް މިހާހިސާބަށް ލަސްވީ ފެސްޓިވަލް ބާއްވާނެ ޖާގައެއް ލިބިފައިނުވާތީއެވެ.