ޚަބަރު ރާއްޖެ

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފް، އުތީމު ރައްޔިތުންނަށް އަރުވަނީ

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް އެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

 

މި ޝަރަފު އެރުއްވުމަށް އެމަނިކުފާނު ކަނޑައެޅުއްވީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ. އަދި އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީއެވެ.

 

މި ޝަރަފު އެރުވުން އޮންނާނީ މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު އުތީމުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.

 

ގައުމީ ދުވަހުގެ މުނާސަބަތުގައި މި ބާއްވަވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުން އޮންނާނެއެވެ. މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ 3 ބޭފުޅަކަށެވެ. އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، އެ ބޭފުޅެއްގެ ހަނދާނަށެވެ. މި އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ 9 ބޭފުޅަކަށާއި ކުންފުންޏަކަށެވެ.

 

ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ ރައީސް އުފައްދަވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ދެއްވާނީ ޝަރަފުގެ އައްޑަނައަކާއި ޝަރަފުގެ ބެޖާއި ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ދެއްވާނީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.

 

 


  • ހއ. އަތޮޅު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް