ޚަބަރު ރާއްޖެ

ޒަކާތުގެ ދާއިރާގައި އިސްނަގާ ގައުމަކަށް ރާއްޖެވުން ބޭނުން: ޑރ. ޝަހީމް

ޒަކާތުގެ ދާއިރާގައި އިސްނަގާ ގައުމަކަށް ރާއްޖެވުމަކީ ނުހަނު ބޭނުންފުޅުވާ ކަމެއް ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ މޯލްޑިވްސް ޒަކާތު ހައުސް އިން އިންތިޒާމުކޮށްގެން ބާއްވާ މިއަހަރުގެ ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާގައި ވާހަކަދައްކަވަމުންނެވެ.

 

މިނިސްޓަރު ވިދާޅުވީ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް އިތުރަށް އެހީ ފޯރުކޮށްދިނުމަށް ވިސްނުންފުޅު ވެސް ގެންގުޅުއްވާ ކަމަށެވެ. އަދި ފަގީރު މީހާއަށް ދިރިއުޅުމުގައި ބޭނުންވާ ޟަރޫރީ އެކި ކަންކަމަށް އެހީ ދިނުމުގެ ތަސައްވުރެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

 

އެގޮތުން ބޯހިޔާވަހިކަމާއި ބޭސްފަރުވާއާއި ތައުލީމަށް ހަރަދުކުރެވިއްޖެނަމަ، މުޖުތަމައުގެ ތެރެއިން ހެޔޮ ބަދަލުތަކެއް ފެންނާނެކަމަށް ވެސް ވިދާޅުވިއެވެ.



މޯލްޑިވްސް ޒަކާތު ހައުސް އިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާގެ މިއަހަރުގެ ޝިއާރަކީ އިޖުތިމާއީ އަދާލަތާއި ސުމޭކީ ޝާމިލުކަން ގާއިމުކުރުމުގައި ޒަކާތުގެ ދައުރާއި ޒަމާނީ ވަސީލަތްތަކާއެކު އިޖުތިމާއީ ރައްކާތެރިކަން ކުރިއެރުވުމެވެ.

 

މި ކޮންފަރެންސްގައި އެންމެ ބޮޑަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާއީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށެވެ. އަދި ރާއްޖޭގައި ޑިޖިޓަލް އަދި ސޯޝިއޯ އިކޮނޮމިކްގައި ޒަކާތުގެ ނިޒާމް ތަރައްްގީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭ ގޮތުންވެސް މި މަހާސިންތާގައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

މި ކޮންފަރެންސްގައި ރާއްޖޭގެ އެކި މުއައްސަސާތަކުންނާއި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސްއާއި އިގުތިސާދީ ދާއިރާގެ މާހިރުން ބައިވެރިވެލައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

 


  • ޒަކާތު ހައުސް
  • ޒަކާތް
  • ޑރ. ޝަހީމް
  • އިސްލާމިކް މިނިސްޓްރީ
  • ކޮމެންޓް