ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާގައި ބާއްވާ އެމްއެންޑީއެފްގެ ޝަރަފްގެ ހިނގާލުން މާދަމާ ހަވީރު އޮންނާނެއެވެ.
މާދަމާ ހަވީރު 4:30 ގައި މި ހިނގާލުން ފަށާނީ ބަންޑާރަކޮށިންނެވެ. އަދި 4 ސަރަހައްދެއްގައި ލަޝްކަރީން ހުއްޓައި، މިލިޓަރީ ބޭންޑުގައި ރާގު ކުޅުމަށް ވަނީ ނިންމާފައެވެ. އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.
އަޝްކަރީން މިލިޓަރީ ރާގު ކުޅުމަށް ނިންމާފައިވަނީ ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގު / ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު / މިލިޔަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތީގައެވެ.
ކޮންމެ އަހަރެއްގެ ވެސް ރަބީޢުލްޢައްވަލް މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ފަހުރުވެެރި ގައުމީ ދުވަހުގެ ގޮތުގައެވެ. މިއީ 15 އަހަރާއި 6 މަސް ދުވަހަށްފަހު، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ހޯދި ނަސްރާ، އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަތަލުންގެ ހަނދާނާއި ޒިކުރާ އައުކުރުމަށް ފާހަގަކުރާ ދުވަހެކެވެ.