ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން ތިލަދުންމަތީ އުތުރުބުރީ އުތީމަށް ފުރާވަޑައިގަންނަވައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރާއްޖޭގެ ގައުމީ ދުވަސް މިއަހަރާއި އަންނަ އަހަރު ގައުމީ ފެންވަރުގައި އުތީމުގައި ފާހަގަކުރެއްވުމަކީ އެމަނިކުފާނުގެ ވައުދުފުޅެކެވެ.
މިއަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާއިރު، މިޖަލްސާގައި ދިވެހި ދައުލަތުގެ އިއްޒަތް ލިބިވަޑައިގަންނަވާ ބޭފުޅަކަށް އިއްޒަތް އެރުވުމާއި، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ރައީސް ދެއްވާ ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖާއި ހަނދާނީ ލިޔުން ދެއްވާނެއެވެ.
މީގެއިތުރުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް، ރައީސް ދެއްވާ ހަނދާނީ ފިލާއާއި ހަނދާނީ ލިޔުން އެރުވުމާއި އުތީމުގައި ތަރައްގީކުރާ ބޮޑުތަކުރުފާނު ގޭޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ދިވެހިރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.