ދިވެހީންގެ ހަށިގަނޑުގައި ޖަހާ ގައުމީ ވިންދު އަބަދުވެސް ހަނދާންކޮށްދެނީ ގައުމުގެ ހައްގުގައި ޖިހާދުކުރެއްވި ބަޠަލުންގެ ޢަޒުމް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަފައިން ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަހުގެ ތަހުނިޔާގެ މެސެޖުގައެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ބޮޑުތަކުރުފާނުގެ އަގުހުރި ގައުމީ ޖިހާދުގެ ނަސްރާއި ކާމިޔާބީއަށް 466 އަހަރު ފުރިފައިވާއިރު، އެ ޒިކުރާތަކާއި އެތަކުރުފާނު ހޯއްދެވި ފަޚުރާއި ޝަރަފު ދިވެހީންގެ ހިތްތަކުގައި ތާޒާކަމާއެކު އަދިވެސް ދިރެމުންދާ ކަމަށެވެ.
މީގެއިތުރުން ގައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ދަންނަވަނީ އަބަދުވެސް ގައުމުދެކެ ލޯބިވާ، ގައުމިއްޔަތާއި މިނިވަންކަން ދަމަހައްޓާ ބައެއްގެ ގޮތުގައި ދިވެހީން ދެމި ތިބޭނެކަމުގެ ޢަޒުމު އާކުރަމުންކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ދިވެހިރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުން އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން، ރާއްޖެ މިނިވަންކޮށްދެއްވި ދުވަހާ ގުޅުވައިގެންނެވެ. އެއީ ހިޖުރީ ގޮތުން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ.