ޚަބަރު ރާއްޖެ

ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު، އުތީމު ރައްޔިތުންނަށް އަރުވައިފި

ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު، ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ.

 

އުތީމު ރައްޔިތުންނަށް މި ޝަރަފު އެރުވީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި އެރަށު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު މިއަދުގެ ސަރުކާރުން ވަޒަން ކުރެއްވުމުގެ ގޮތުންނާއި، އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީއެވެ.

 

އުތީމު ގަނޑުވަރަކީ، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް (އުތީމު މަހާރަދުން) ގެ ޢާއިލީ މައިފުނަގެއެވެ. ރަސްކަމުގެ ތަޚުތުގައި އިށީނދެވަޑައިގަތުމުގެ ކުރީން އުތީމުގައި ދިރިއުޅުއްވި ގެކޮޅެވެ. މިއީ، ދިވެހި ޤައުމީ އަގުހުރި ޚާއްޞަ ތަރިކައެކެވެ. އުތީމުގައި ހުންނަ އެ ރަދުންގެ ގަނޑުވަރާއި، އެހެނިހެން އާސާރުތަކަށް ރައްކާތެރިކަންދީ ބެލެހެއްޓުމުގައި އުތީމު ރައްޔިތުންވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވާފައެވެ. މި ފާއިތުވި 450 ވަރަކަށް އަހަރު، (އުތީމު ރަދުންގެ ޙަޔާތްޕުޅުގެ އަހަރުތައް ހިމަނާނަމަ، ހަމަ ޔަޤީނުންވެސް، 500 އަހަރަށް ވުރެ މަދުނުވާނޭ ދުވަސްތަކެއްގައި) މި ސަމާލުކަމާއި ފަރުވާތެރިކަން ދަމަހައްޓަވައިފައިވެއެވެ.

 

ޒަމާނުއްސުރެ އުތީމު ގަނޑުވަރަކީ، ހުރިހައި ދިވެހީން ވެސް ވަރަށް ކަމޭހިތަމުންއައި ބިނާއެކެވެ. އެހެންކަމުން، ކުރީ ޒަމާނުއްސުރެ ގަނޑުވަރުގެ ކަންކަމަށް އެކި ކަހަލަ ޢިނާޔަތްތައް ލިބެމުންއައެވެ. އެއާއެކު ވެސް ތަން ބެލެހެއްޓުމާ ބެހޭ ހުރިހައި މަސައްކަތެއް، ވަރަށް ފަހަކާ ޖެހެންދެން އުޖޫރައަކާ ނުލައި ކުރަމުން އައީ، އުތީމު ރައްޔިތުންނެވެ.

 

އުތީމު ރައްޔިތުން ގަނޑުވަރަށް ވަރަށް ބޮޑު އިޙްތިރާމަކާއި ޤަދަރެއް ކުރެއެވެ. ގަނޑުވަރުގެ އެތެރެ އޮންނަނީ އަބަދުވެސް ހިމުން ދޮންވެލި ލައިފައެވެ. މި ވެލި ލަނީ، ގޮނޑުދޮށުން ހިމުން ދޮންވެލި ގެނެސްގެން ބަތްޕޮޅިން ފޮޅައި، ކިތަންމެ ކުޑަ ކުނިކޮޅެއްވެސް އަދި ހަރު އެތިކޮޅެއްވެސް އޮތިއްޔާ އެ އެއްޗެއް ނަގައިފައެވެ. ބޭރު ގޯތިތެރެ އޮންނަނީ، ސާފު ކަށިވެލި ލައިފައެވެ. ގަނޑުވަރު ސަރަހައްދު ކުނިކަހަނީ، އުތީމު ރައްޔިތު އަންހެނުންނެވެ. ކުނިކެހުން ނިންމާލަނީ، ފަހަތަށް ފަހަތަށް ކުނިކަހަމުން އައިސް، އެއްވެސް ފިޔަވަޅެއްގެ އަސަރުވެސް އެ ސަރަހައްދުގައި ނުހުންނަ ގޮތަށެވެ.

 

އެ ސަރަހައްދަށް އުތީމު ރައްޔިތަކު އާންމު ގޮތެއްގައި ނުވަންނާނެއެވެ. މަސްވެރީން ބާނާ މަސް ހިފައިގެން ގަނޑުވަރު މަގުން އެއްގަމަކަށް ނާރާނެއެވެ. އެއީ، ގަނޑުވަރު ސަރަހައްދަށް ލޭ ތިއްކެއްވެސް ޖަހައިފާނެތީއެވެ.

 

ގަނޑުވަރު ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ އެހީއެއް ނުލިބި ވިއްސަކަށް އަހަރު ވުމަށްފަހު، ސަރުކާރުން މުސާރަދެއްވާ ޚާދިމަކާއި، މަސައްކަތު މީހުން ލައްވައި، ގަނޑުވަރު ބެލެހެއްޓުމާއި މަރާމާތުކުރުމާއި، މިފަދަ ހުރިހައިކަމެއް މިހާރު ކުރައްވަމުން ގެންދަވަނީ ސަރުކާރުންނެވެ. ތަން ބެލެހެއްޓުމަށް އިތުރު ވަސީލަތްތަކާއި މާލީ އިންތިޒާމުތައް ހަމަޖެހިފައި ވެއެވެ.

 

އެހެންކަމުން، އަދިވެސް ތަން ބެލެހެއްޓޭ ފެންވަރާއި، ތަނަށް ދޭ ރައްކާތެރިކަން އާދަޔާ ޚިލާފަށް ރަނގަޅުކަމަށް ދަންނަވަން ޖެހެއެވެ.

 

 


  • ހއ. އަތޮޅު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް