ގައުމަށްޓަކައި އީމާންތެރިކަމާއި އިހުލާސްތެރިކަމާއި އަމާނާތްތެރިކަން އިސްކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
1447 ވަނަ އަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ތިލަދުންމަތީ އުތުރުބުރީ އުތީމުގައި މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވާ އެ މަނިކުފާނު ވިދާޅުވީ އިހުލާސްތެރިކަމާއި އަމާނާތްތެރިކަން އިސްކޮށްގެން ކުރިއަށްދިއުމަށް ނިންމައިފިނަމަ، ސަރުކާރުން ގެނެސްދޭ ތަރައްގީއާއި ރައްޔިތުންގެ ވިސްނުމާއި ފިކުރަށް ގެންނަ ތަރައްގީއާ އެކު، ދިވެހިރާއްޖެއަށް ފުރިހަމަ، ވަށާޖެހޭ ތަރައްގީ ލިބޭނޭކަމީ ޝައްކެއް އޮތް ކަމެއް ނޫންކަމުގައެވެ.
ކޮންމެ މީހަކީވެސް އިސްލާމް ދީން ބަޔާންކޮށްދެއްވި މަތިވެރި އިރުޝާދުތަކާއި، ދައްކުވައިދީފައިވާ މަތިވެރި މަގުން ކުރިއަށްދާންޖެހޭ މީހެއްކަން ފާހަގަކުރައްވައި، އެ ފަދައިން ޢަމަލުތައް ބައްޓަންކުރަންވީ ދުވަހަކީ މިއީ ކަމުގައި ވެސް ވިދާޅުވިއެވެ. އަދި ކޮންމެ ދިވެއްސަކީ ވެސް ގައުމުގެ އަބުތާލުންގެ މަތިވެރި ޖިހާދުގެ ފުރިހަމަ އަގުވަޒަންކުރާ މީހަކަށް ވާންޖެހޭކަން ފާހަގަކުރެއްވިއެވެ.
ތަރައްގީވެފައިވާ، އަމާން އަދި އުފާވެރި ގައުމެއްގެ ގޮތުގައި ކުރިއަށްދެވެން އޮތީ ހަމައެކަނި މި ބީދައިން ކަމުގައި ފާހަގަކުރައްވައި، އަޅުގަނޑުމެންގެ މިނިވަންކަމާއި ޒިންމާތައް ގުޅިފައިވަނީ ފަރުދުންގެ މެދުގައިވާ ލޯތްބާއި އިހުތިރާމުގެ މައްޗަށްކަން ރައީސް ވަނީ ފާހަގަކުރައްވާފައެެވެ. އަދި ހަގީގީ ގައުމިއްޔަތަކީ ކޮބައިކަމާއި، ގައުމިއްޔަތުގެ ޒިންމާއަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ޒިންމާއެއްކަން ވެސް ވަނީ ހަނދާންކޮށްދެއްވާފައެވެ.