ގައުމަށް ކުރިއެރުން ގެނައުމަށް ސަރުކާރުތަކުން މަސައްކަތްކުރައްވާނެ ކަމަށާއި ނަމަވެސް ހަގީގީ ކުރިއެރުމަކީ ފަރުދީ ޒިންމާއެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ގައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ހިތުގައި ގައުމިއްޔަތު އާލާކޮށް، އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކުރަން އޮތް އެންމެ މުހިންމު ކަންތައްކަމުގައެވެ. އަދި މިކަމުގައި އަދުގެ ޒުވާނުންގެ މައްޗަށް އޮތް ޒިންމާތަކަށް ވެސް ވަނީ އަލިއަޅުވާލައްވާފައެވެ.
މި ޖަލްސާގައި ރައީސް ވަނީ ދިވެހި ގައުމިއްޔަތަށް ހިދުމަތް ކުރުމުގެ ހާއްސަ ޝަރަފު އެރުވި، އުތީމު ރައްޔިތުންގެ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތް އެރުއްވި، ދިވެހި ދައުލަތަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އާދަމް ޢަބްދުއްރަޙްމާނުގެ ނަންފުޅު ވަކީން ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.
ހަމަމިއާއެކު، ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭބޭފުޅުންނަށް ވެސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.