ކިތަންމެ ބައި މަދު ނަމަވެސް، الله ވަހުޖުފުޅު އަދައިގެން ކުރާ ޖިހާދުން ނަސްރު ލިބޭނެކަމަށް މާލެ ސިޓިގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ ވިދާޅުވީ މިދުވަހުން ހަނދާން އައުކޮށްދެނީ ބައި މަދު ލަޝްކަރު، ޖިހާދު ކުރެއްވުމުގައި ގެންގުޅުއްވި ހިކުމަތްތެރިކަމާއި، ރޭވުންތެރިކަން ކަމަށެވެ. އަދި ހިތްވަރު ގަދަކަމުގެ ފުރިހަމަ ނަމޫނާ ކަމަށެވެ.
މީގެއިތުރުން ގައުމީ ދުވަހުން ބުނެދެނީ ދިވެހި ގައުމަކީ ގައުމަށް ދިމާވާ، މި ފަދަ ނުރައްކާތެރި ކޮންމެ ހާދިސާއަކާ ގުޅިގެން އެ ހާލަތާ އެންމެ އެކަށޭނެ ހިދުމަތެއް ކޮށްދޭނެ ފަހުލަވާނުންނާއި އަބުތާލުން އުފަންވާ ގައުމެއްކަމުގައި ވެސް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތްތާނގައި ވެސް ދިވެހި ގައުމަށް ދިމާވާ މިފަދަ ހުތޫރަތްތެރި ކޮންމެ ދަނޑި ވަޅެއްގައި ވެސް ގައުމަށްޓަކައި ހިދުމަތްކުރާނެ، ޖިހާދު ކުރާނެ، އަދި ގުރުބާންވާން ކެރޭ ދަރިން އުފަންވާނެކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެވުނު ދުވަހެވެ. އެއީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލްމަހުގެ 1 ވަނަ ދުވަހެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާ ރަދުންނެވެ. މުޙައްމަދު ތަކުރުފާނު ދިވެހީންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ، ބޮޑުތަކުރުފާނުގެ ނަންފުޅުންނެވެ. ޤައުމީ ދުވަހުގެ ގޮތުގައި ރަބީޢުލްއައްވަލް މަހުގެ 1ވަނަ ދުވަސް ފާހަގަކުރައްވަން ފެށްޓެވީ، ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.