ޚަބަރު ރާއްޖެ

ކިނބިދޫގައި އައު ޑްރައިވިންގ ލައިސެންސް ޓްރެކެއް ހުޅުވައިފި

ތ.  ކިނބިދޫގައި އައު ޑްރައިވިންގ ލައިސަންސް ޓްރެކެއް ރަސްމީކޮށް ހުޅުވައިފިއެވެ.

 

މި ޓްރެކް ރަސްމީކޮށް ހުޅުވައިދެއްވާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރ ޝުޖާއު ހުސައިންއެވެ.

 

މި ޓްރެކް ހުޅުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރުގެ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. އަދި އެރަށު ރައްޔިތުންނާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށް މި ޓްރެކްގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެއެވެ.

 

މީގެ ކުރިން ލައިސަންސް ހެދުމަށް މާލެ ދާން ޖެހުމަކީ ވަރަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމެކެވެ. ނަމަވެސް މިހާރު އެ ހިދުމަތް މި ސަރަޙައްދުން ލިބޭނެއެވެ.

 

މި އައު ޓްރެކްގައި ޑްރައިވިންގ ޓެސްޓް ދިނުމާއި ލައިސަންސް ކާޑު ހެދުމާއި އައުކުރުމުގެ ހިދުމަތް ވެސް ލިބިގެންދާނެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ އުސޫލުން ހިދުމަތްތައް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ކުރިއަށް އޮތް އަހަރު ތެރޭގައި އިތުރު ރަށްތަކުގައި ވެސް މިފަދަ ޓްރެކްތައް ހުޅުވުމަށް ވަނީ ރޭވިފައެވެ.

 

މި ޓްރެކް ހުޅުވުމާއެކު، ކިނބިދޫގައި 'އޭ' ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ކާޑު ދޫކުރުމުގެ ހިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

 

 


  • ތ. އަތޮޅު
  • ޓްރާންސްޕޯޓު މިނިސްޓްރީ
  • ކޮމެންޓް