ޚަބަރު ރާއްޖެ

ކިނބިދޫގައި އިސްރަށްވެހިންނަށް ހާއްސަ ލައިސަންސެއް ދޫކުރަންފަށައިފި

ތ. ކިނބިދޫގައި އުމުރުން 60 އަހަރުން މަތީގެ އިސްރަށްވެހިންނަށް ހާއްސަކޮށްގެން ތައްޔާރުކުރެވިފައިވާ ލައިސަންސް ރަސްމީކޮށް ދޫކުރަން ފަށައިފިއެވެ.

 

މި ލައިސަންސަކީ އިސްރަށްވެހިންގެ ދަތުރުފަތުރާއި އެހެނިހެން ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގަތުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ތަޢާރަފުކުރި ހާއްސަ ހުއްދައެކެވެ.

 

މިއީ އުމުރުން 60 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް، އާންމު އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ގަވާއިދުގައި ބަޔާންކުރާ އިމްތިހާނުތައް ފުރިހަމަ ކުރުމަކާއިނުލައި، އަތޮޅުތެރޭގެ ރަށްރަށުގައި ވަކި ބާވަތެއްގެ އުޅަނދުތައް ދުއްވުމަށް ގަވާއިދުގެ ތެރެއިން ފަސޭހަކޮށްދިނުމަށް ދޫކުރާ ހާއްސަ ހުއްދައެކެވެ. މިއީ އިސްރަށްވެހިންނަށް ދިރިއުޅުމުގެ ކަންކަން ފަސޭހަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

 

މި ހުއްދަ ދޫކުރުމާއި ގުޅިގެން މިހާރު ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ބާތިލް ނުވާނެއެވެ. އަދި އެއްވެސް ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބޭނުންކުރުމަށާއި، އާންމު އުސޫލުގެ ތެރެއިން ލައިސަންސް ނެގުމަށާއި، އެ ލައިސަންސް ބޭނުންކޮށްގެން ދުއްވޭ ހުރިހާ ސަރަހައްދެއްގައި ދުއްވުމަށް 60 އަހަރު ފުރިފައިވާ ފަރާތްތަކަށް ވެސް ހުރަހެއް ނޯންނާނެއެވެ.

 

މިކަމުގެ ސަބަބުން އިސްރަށްވެހިންނަށް އިތުރު ފަސޭހަތަކެއް ލިބި، އެކަމުން ދިރިއުޅުމަށް ދިމާވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެއެވެ.

 

 


  • ތ. އަތޮޅު
  • ޓްރާންސްޕޯޓު މިނިސްޓްރީ
  • ކޮމެންޓް