މާލެ ސިޓީ ކައުންސިލްގެ އައު އިމާރާތުގެ ކޮންކްރިޓް މަސައްކަތުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާކަަމަށް އެ ކައުންސިލުން ހާމަކޮށްފިއެވެ.
އެ ކައުންސިލުން ވިދާޅުވީ އައު އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސީޓް އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށެވެ.
މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މަސައްކަތް މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި އެކި އިމާރާތްތަކުގައި ކުރަން ޖެހުމަކީ، ރައްޔިތުންނަށް ހިދުމަތް ދިނުމުގު މަސައްކަތްކުރައްވާ، މުވައްޒަފުންނަށް ވެސް ދަތި އުނދަގޫތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.
" މާލެ ސިޓީ ކައުންސިލަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ގާބިލް އަދި އެންމެ ހިތްހަމަޖެހިގެން ހިދުމަތް ދެމުންދާ އޮގަނައިޒޭޝަނަށް ހެދުމަކީ އަޅުގަނޑުގެ އެންމެ މުހިންމު އަމާޒާއި މަގުސަދު"
މީގެއިތުރުން މާލެ ސިޓީގެ ހުރިހާ ސެކްޝަނެއް އެއް އިމާރާތަކަށް ބަދަލުވުމުން، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ބޮޑުތަނުން ލުއިތަކެއް ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި އޭރުން ކައުންސިލްގެ މުވައްޒަފުންނަށް ވެސް ރަނގަޅު މާހައުލެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ފަހިވެގެން ދާނެކަމަށް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގެ އިމާރާތް ހުންނަ ތައިސޭ ކޮށީގެ އިރު ދެކުނު ފަރާތުގައި 20 ހާސް އަކަފޫޓުގެ ބިއްމެއްގައެވެ. މި އޮފީސް އިމާރާތް ކުރަނީ ދެ ފަންގިފިލާއަށެވެ.