ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މިޔަގީންކަން ދެއްވީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާއި ގުޅޭގޮތުން، ނޫސްވެރީންގެ ހުރި ކަންބޮޑުވުންތައް ރައީސް އާ ހިއްސާކުރެއްވުމަށް އެ އެސޯސިއޭޝަނުން އެދިވަޑައިގަތުމާއި ގުޅިގެން ބޭއްވެވި ބައްދަލުވުމެކެވެ.
މި ބައްދަލުކުރެއްވުމުމުގައި ރައީސް ވަނީ ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ހުށަހެޅުއްވި ހުރިހާ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާއި މެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެއް ގަޑިއިރަށް ވުރެ ގިނައިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން މިސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަމަށާއި ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށް ވެސް ވިދާޅުވިއެވެ. އަދި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ، ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅުނުވާ ކަމަށާއި މެންބަރުން އައްޔަނު ކުރުމުގައިވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުންފުޅު ނުވާކަމަށް ތަކުރާރު ކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލުގެ ވަކި ވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅުއްވާނެކަމަށް ވެސް ވިދާޅުވިއެވެ.