ޚަބަރު ރާއްޖެ

މާފަންނުގެ ޕާކިންގ އަށް ބޮޑު ލުޔެއް!

މާފަންނުގައި ތަރައްގީކުރަމުން އަންނަ "މާފަންނު މައިޒާން" ގެ ވަށައިގެން، ޕާކިން ޒޯންތައް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

 

މިއީ މާލެ ސިޓީއަކީ އަމާން، ހިތް ފަސޭހަ ސިޓީއަކަށް ހެދުމަށް މޭޔަރ އާދަމް ޢާޒިމް ކަނޑައަޅުއްވާފައިވާ ތަސައްވުރުގެ ދަށުން ކުރަމުންއަންނަ މަސައްކަތެކެވެ. މާފަންނުގެ ރައްޔިތުންނަށް ފަސޭހައާއި އުފަލާއި ހިތްހަމަޖެހުން ގެނައުމުގެ މަގުސަދުގައި ކުރަމުންދާ މި މަސައްކަތުގެ ދަށުން، މާފަންނު މައިޒާނުގައި ބަސް ސްޓޭންޑެއް ތަރައްގީކުރުމާއި 295 ސައިކަލު ޕާކް ކުރެވޭނެ ޕާކިންގ ޒޯނެއް ތަރައްގީކުރުން ހިމެނެއެވެ.

 

މީގެއިތުރުން މި މައިޒާނުގައި ގްރީން އޭރިއާއަކާއި، ކަސްރަތު ކުރުމަށް ކަނޑައެޅިފައިވާ 496 އަކަ ފޫޓް ސަރަހައްދެއް ވެސް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

 

މާލޭގައި ވެހިކަލް ޕާކުކުރާނެ ސަރަހައްދުތަކާއި ޕާކިންގ ޖާގަ އިތުރު ކުރުމަކީ މޭޔަރުގެ ވައުދަކަށްވާއިރު، މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިންގ ޒޯންތައް ތަރައްގީކޮށް، އެކަމުގެ ފަސޭހަތައް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.

 

މޭޔަރ ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން މާފަންނުގައި ދިރިއުޅޭ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

 

ޖުމްލަ 36،153.00  އަކަފޫޓް ހުންނަ މި މައިޒާން، ފެހި، ހިތްގައިމު، އަދި ތިމާވެށްޓާ ރައްޓެހި މައިޒާނަކަށް ހެދުމަށްޓަކައި ދާދި ފަހުން ވަނީ މި މައިޒާނުގައި ގަސް އިންދުމުގެ ހާއްސަ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ހިޔާދޭ ބޮޑެތި ގަސްތަކާއި ބަގީޗާ ގަސްތަކާއި މާ ގަސްތަކާއި މޭވާއާއި ތަކުރާރީ ގަސްތައް ވަނީ އިންދާފައެވެ.

 

މާލެ ސިޓީގެ ހިންގުންތެރި މޭޔަރުގެ ސީދާ ބެއްލެވުމުގެ ދަށުން ކައުންސިލުން ތަރައްގީކުރާ މާފަންނު މައިޒާން ތަރައްގީކުރަނީ، އެތަން ބޭނުންކުރާ ފަރާތްތަކުގެ ހިތްހަމަޖެހުމަށް ވަރަށް ބޮޑަށް އިސްކަންދީގެންނެވެ. އެގޮތުން މި މަސައްކަތް ނިމޭއިރު، އެ ސަރަހައްދުގައި ފެން ހިންދާ ނިޒާމެއް ވެސް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.

 

 


  • މާލެ ސިޓީ
  • އާދަމް އާޒިމް
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް