ޚަބަރު ރާއްޖެ

މާލެ ވަށައިގެން ލާފައިވާ ތޮށިގަނޑު ސާފުކޮށް ކުލަލާން ފަށައިފި

މާލެ ވަށައިގެން ލާފައިވާ ތޮށިގަނޑު ސާފުކޮށް ކުލަލައި، ރީތި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

 

މިއީ މާލެ ސިޓީ ސާފު އަދި ހިތްފަސޭހަ ސިޓީއަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މާލެ ސިޓީ ކައުންސިލުން ހާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

 

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވެފައި، ގިނަ ބަޔަކު ޒިޔާރަތްކުރާ ތަނަކަށްވާތީ، މާލެ ރީތިކޮށް ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

 

"މާލެ ވަށައިގެން ލެވިފައިވާ ތޮށިގަނޑާއި ބޭރު މަގުގެ ފާރުތަކުގައި، ހިތުހުރި އެއްޗެއް ލިޔެ، ތަތްކޮށް، އަދި ކުރަހައި ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން."

 

މާލެ ވަށައިގެން އޮތް ބޮޑުތަކުރުފާނު މަގަކީ ހިތްހަމަ ޖައްސައިލުމަށް ކުޑަކުދިން ގޮވައިގެން ވަރަށް ގިނަ މީހުން ދުއްވާ މަގަކަށްވާއިރު، މި މަގުގެ ބައެއް ފާރުތަކާއި ވަށައިގެން ލެވިފައިވާ ތޮށިގަނޑުގެ ބައެއް ހިސާބުތަކުގައި އާންމު އިޖުތިމާއީ މިންގަޑުތަކާ ހިލާފު ކުރެހުންތަކާއި ގްރެފިޓީތައް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ. މި މަސައްކަތް ނިމޭއިރު މި ހުރިހައި ކުރެހުންތައް ވެސް ނެތިގެންދާނެއެވެ.

 

މޭޔަރ ވަނީ މާލޭގެ މަގުތަކުގައި ހުންނަ ގަސްބުރިތަކާއި އެކިއެކި ބޯޑުތަކުގެ މަތީގައި ކުނި ބަހައްޓާފައި ހުންނަކަން ފާހަގަކުރައްވާފައެވެ. މި ފަދަ ޢަމަލުތައް ނުކުރެއްވުމަށް މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ކިބައިން ވީ އެދިވަޑައިގެންފައެވެ.

 

މާލެ ސިޓީ ކައުންސިލުން މިހާރު ކުރިއަށްގެންދާ، މި މަސައްކަތަކީ މާލޭގެ އާންމު މާހައުލު އިތުރަށް ރީތިކޮށް، މާލޭގައި ސާފުތާހިރު މާހައުލެއް ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

 

މި މަސައްކަތަކީ މާލެސިޓީ އަކީ ހިތްހަމަ ޖެހޭ އުފާވެރި އަދި ރައްކާތެރި ތަނަކަށް ހެއްދެވުމަށް، މޭޔަރ އާދަމް ޢާޒިމް ފައްޓަވާފައިވާ މަސައްކަތަށް އަންނަމުންދާ ހެޔޮ ބަދަލަށް އިތުރުވެގެންދާނެ ކަމެވެ.

 


  • މާލެ ސިޓީ
  • އާދަމް އާޒިމް
  • މާލޭ ސިޓީ ކައުންސިލް
  • ކޮމެންޓް