ޚަބަރު ރާއްޖެ

ބްރޯޑްކޮމް އިން ނޫސްވެރިން އެކްރެޑިޓް ކުރުމަށް އުސޫލެއް

ބްރޯޑްކާސްޓިންގ ނޫސްވެރިން އެކްރެޑިޓްކުރުމުގެ އުސޫލު އާންމުކޮށްފިއެވެ.

 

ރާއްޖޭގައި ނޫސްވެރިންގެ ފެންވަރު މަތިކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެކުލަވާލި މިއުސޫލުގެ ދަށުން ނޫސްވެރިންނަށް ހިންގާ ތަމްރީންތަކަކަށްފަހު ބްރޯޑްކާސްޓިންގ ނޫސްވެރިންނަށް ހާއްސަ ފާހެއް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

 

އެ އިދާރާ އިން ވިދާޅުވީ ނޫސްވެރިން އެކްރެޑިޓްކުރެވުމުން ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ބާރުއެޅޭނެކަމަށެވެ.

 

ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލަކީ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ބާރުއެޅުމާއި، ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތައުލީމާއި ތަޖްރިބާ ކަނޑައެޅުމާއި، ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންގެ ދަފްތަރެއް އެކުލަވައިލުމެވެ. އަދި ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފާސްދޫކުރުމާއި ސްޓޭޝަންތަކުގައި މަސައްކަތްކުރާ ނޫސްވެރިންނަކީ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށްވުން ލައިސެންސްގެ ޝަރުތެއް ކަމުގައި ކަނޑައެޅުމެވެ.

 

މިއުސޫލުގައިވާގޮތުގެ މަތިން ޕްރެސް ފާސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެޑިޓަރުންނާއި ރިޕޯޓަރުންނާއި ޕްރެޒެންޓަރުންނާއި، ލިޔުންތެރިންނާއި، ކޮލަމިސްޓުންނާއި ފޮޓޯ ޖަރނަލިސްޓުންނާއި ވީޑިއޯ ޖަރނަލިސްޓުންނަށެވެ.

 

އެކްރެޑިޓް ކުރުމަށް ހުށަހަޅާ ނޫސްވެރިންގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ބްރޯޑްކާސްޓިންގ އަދި ކޮމިއުނިކޭޝަން ދާއިރާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން އެމްކިޔުއޭގެ ލެވެލް 3 ގެ ނުވަތަ ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި 5 އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވުމާއި އުސޫލުގައި ބަޔާންކުރާ ތަމްރީން ފުރިހަމަކޮށްފައިވާ މީހަކަށްވުން ހިމެނެއެވެ.



މިއުސޫލުގައި ބަޔާންކޮށްފައިވާގޮތުން، އެކްރެޑިޓްކޮށްފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ، އަދި ނޫސްވެރިކަމުގެ ކޯޑް އޮފް ޕްރެކްޓިސްއާއި ހިލާފުވެއްޖެނަމަ އަދި ސުލޫކީ މިންގަނޑާއި ހިލާފުވިކަން ކޮމިޝަންގެ ތަހުގީގަށް ސާބިތުވެއްޖެނަމަ، އެކްރެޑިޓްކޮށްފައިވާ ކާޑު ބާތިލްކުރުމުގެ ބާރު ބްރޯޑްކޮމް އަށް ލިބިގެންވެއެވެ.



މިއުސޫލަށް ޢަމަލުކުރަން ފެށުމަށް ނިންމާފައިވަނީ އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޝާއުއުކުރާތާ 6 މަސް ފަހުންެނެވެ.

 


  • ނޫސްވެރިން
  • ބްރޯޑްކޮމް
  • ކޮމެންޓް