ސަރުކާރުން މިއަދު މަސައްކަތް ފަށާފައިވަނީ މިނިވަން ނޫސްވެރިކަން މަރާލަން ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑީޕީ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސާލިހު ވަނީ މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ބިރުވެރިކަމަކީ މީޑިއާ ކޮންޓްރޯލްކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ ބިލް ކަމަށާއި އެ މިނިވަން މެމްބަރަކު ހުށައެޅުއްވި ނަމަވެސް އެއީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި ބިލެއް ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން އެބިލް އޮތީ އިސްލާހު ކުރެވޭނެ ގޮތަކަށް ނޫންކަން ފާހަގަކުރައްވާ، އެމަނިކުފާނު ވަނީ އެ ބިލު އަނބުރާ ގެންދިއުމަށް ވެސް ގޮވާލައްވާފައެވެ. އަދި އެ މަޖިލީހަށް ބިލް ހުށައެޅުމުގެ ބޭނުމަކީ ސަރުކާރުގެ ކޮންޓްރޯލް ދަށަށް ނޫސްވެރިކަން ގެންގޮސް ވަކިވަކި ނޫސްވެރިންނަށް ބޭނުން ވަގުތެއްގައި ފިޔަވަޅު އެޅުމުގެ ފުރުސަތުތައް ހޯދުން ކަމަށް ވެސް ތުހުމަތުކުރައްވާފައި ވެއެވެ.
"ސަރުކާރުން މިއަދު މަސައްކަތް ފަށާފައިވަނީ މިނިވަން ނޫސްވެރިކަން މަރާލަން. އެކަން ހުއްޓުވަން އެމްޑީޕީ ނިކުންނަންޖެހޭ."
ދައުލަތުގެ ހުރިހާ މުވައްސަސާތައް ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮންނަނީ ނޫސްވެރިންނަށްކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ލާމަރުކަޒީ ނިޒާމް ފުނޑާލައި، ބާރުތައް ޖަމާކޮށް ހުރިހާ ބާރުތަކެއް އެއްކުރަމުން ގެންދާކަމަށް ވެސް ވިދާޅުވެފައެވެ.