މިއަދަކީ ސަރުކާރު ބަންދު ދުވަހަކަށް ވީނަމަވެސް، ޕާސްޕޯޓު ހެއްދުމާއި ދޫކުރުން ކުރިއަށްދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
އެ އިދާރާ އިން ވިދާޅުވީ މާލެ ސަރަހައްދުގެ އިމިގްރޭޝަން އޮފީސްތަކުން އެ ހިދުމަތް ދޭނެކަމަށެވެ. އަދި އިމުގަ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެކަމަށެވެ.
ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 08:30 އިން މެންދުރު ފަހު 2 ޖަހަންދެން ކަމަށާއި ހަމަ އެގަޑީގައި އިމިގްރޭޝަނަށް ހާޟިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާކަމަށް އިމިގްރޭޝަނުން ހާމަކުރައްވާފައިވެއެވެ.
އިމިގްރޭޝަނުން ވަނީ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ ހޮޓްލައިން 9555333 އަށް ގުޅުއްވުމަށް އިލްތިމާސްކުރައްވާފައެވެ.
ޕާސްޕޯޓު ހެއްދުމުގެ ކަންކަން ވީހާވެސް ލުއިކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން މާލެ ފިޔަވައި އެހެން ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާތަކުގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމު ވެސް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
އިމިގްރޭޝަނުން އަންނަނީ ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ދިނުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.