މިއަދު ހަވީރު 4 ން ރޭގަނޑު 9 އަށް ބްރިޖުގެ އެއްފަޅި ބަންދުވާނެ ކަމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެކުންފުނިން ބުނީ ބަންދުވާނީ ބުރިޖުގެ އުތުރު ފަޅި ކަމަށާއި އެވަގުތުތަކުގައި އެފަޅި ބޭނުންކުރެވޭނީ އިމަޖެންސީ ވެހިކަލްތަކަށް އެކަނި ކަމަށެވެ. އަދި ބުރިޖުގެ ދެކުނު ފަރާތުން، އެ ވަގުތުތަކުގައި އާންމު އުޅަނދުތަކަށް ދެކޮޅަށް ދުއްވޭނެ ކަމަށް ވަނީ ބުނެފައެވެ.
ބްރިޖުގެ އެ ފަޅި ބަންދުކުރަނީ އެއަރޕޯޓުގައި ކުއްލި ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ ހަރަކާތެއް ބޭއްވުމަށް ކަމަށާއި އެއީ، ކޮންމެ ދެ އަހަރެއް ނުވަތަ ތިން އަހަރަކުން ބާއްވާ ހަރަކާތެއްކަމަށް އެ ކުންފުނިން ހާމަކުރައްވައެވެ.
މީގެއިތުރުން މިއީ އެއަރޕޯޓުގެ އެމަޖެންސީ ހިދުމަތްތައް ތައްޔާރުތޯ ބެލުމާއި މާލެ ސަރަހައްދުގައި ހޮސްޕިޓަލްތައް ތައްޔާރުތޯ ބެލުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއް ކަމަށް ވެސް ވިދާޅުވެއެވެ. މި ހަރަކާތުގައި ސިފައިންނާއި ފުލުހުންނާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީއާއި މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން ބައިވެރިވާނެއެވެ.