ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ޔުނިވަރސިޓީގެ ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ ސަޢުދީ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ހަސަން އަލްޤަހްތާނީ އާއި އެ ޔުނިވަރސިޓީގެ ޑިރެކްޓަރ ހިޒް އެކްސެލަންސީ ޑރ. ޞާލިޙް ބިން ސުލައިމާން އަލް ޢަރަޖާއެވެ. މި ފޮތްތަކާ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހަވާލުވެލެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މިއީ ދެ ގައުމުގެ އަޚްވަންތަކަމުގެ ގުޅުން ރަމްޒުކޮށްދޭ މުހިއްމު ކަމެއްކަމަށާއި މިއީ ރާއްޖޭގެ އިލްމު އުނގެނޭ ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކަށް ހިދުމަތްކުރުމަށާއި، ޢިލްމާއި މަޢުރިފާ އާލާކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެތްކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން އިމާމް މުޙައްމަދު ބިން ސަޢޫދު އިސްލާމިކް ޔުނިވަރސިޓީއަށާއި، އެޔުނިވަރސިޓީގެ ފަރާތުން ރާއްޖޭގައި ގާއިމްކޮށްފައިވާ އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް ޢަރަބިކް ސައިންސް އިން މި އަގުހުރި ހަދިޔާއަށްޓަކައި ޝުކުރާއި ތައުރީފު ދަންނަވާކަމަށެވެ.
މިނިސްޓަރު ވަނީ ސަޢުދީ ސަރުކާރުން ރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް އަދި ސަޢުދީ ސަރުކާރަށާއި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ސަޢުދީ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ހަސަން އަލްޤަހްތާނީ އަދި އެ ޔުނިވާސިޓީގެ ޑިރެކްޓަރ ހިޒް އެކްސެލަންސީ ޑރ. ޞާލިޙް ބިން ސިލައިމާން އަލް ޢަރަޖާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެ ޔުނިވަރސިޓީގެ ފަރާތުން ވެދެއްވި ދީލަތި އެހީގެ އަގުވަޒަން ކުރައްވާ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހާއްސަ ހަނދާނީ ލިޔުމެއް އެ ޔުނިވާސިޓީއަށް އަރުވާފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ފޮތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. އަދި މިއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ރިޔާސީ ވަޢުދު ތަންފީޒު ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.