ޚަބަރު ރާއްޖެ

ސެޓިފައިޑް ޓްރެއިނަރ ކޯހާއި ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް ނިމިއްޖެ

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ 12 އަދި 13ވަނަ ސެޓިފައިޑް ޓްރެއިނަރ ކޯހާއި 5ވަނަ ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

 

މިމަހުގެ 7  ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގ ގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުއްރަހުމާންއެވެ.

 

މި ރަސްމިއްޔާތުގައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަަވާލުކޮށްފައިވެއެވެ. އަދި ކޯސްތަކުން ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ހަނދާނީ ފިލާ ދީފައިވެއެވެ. މި ތިންކޯހުގެ ތެރެއިން، ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯހުން 1 ވަނަ އަށް ގޮސްފައިވަނީ ސަރޖަންޓް އަޙްމަދު ނިހާދުއެވެ. 12 ވަނަ ސެޓިފައިޑް ޓްރެއިނަރ ކޯހުން 1 ވަނަ އަށް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޢަލީ ހޮވިފައިވާއިރު، 13 ވަނަ ސެޓިފައިޑް ޓްރެއިނަރ ކޯހުން 1 ވަނަ އަށް ހޮވިފައިވަނީ ސީނިއަރ ސަރޖަންޓް އާލަޢު މުޙައްމަދުއެވެ.

 

މި ކޯސްތަކުގައި، ދިވެހި ފުލުހުންގެ ޚިދުމަތާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ހިމެނޭ ގޮތަށް 51 މުވައްޒަފުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ.

 

ސެޓިފައިޑް ޓްރެއިނަރސް ކޯހަކީ ފުލުހުންގެ މުއައްސަސާއިން ހިންގާ އެކި ތަމްރީން ޕްރޮގްރާމްތަކުގައި ކިޔަވައިދިނުމަށް މުދައްރިބުން ތަމްރީންކުރުމާއި މުދައްރިބުންގެ ހުނަރުތައް އިތުރުކުރުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ.

 

ސީން އޮފް ކްރައިމް ބޭސިކް ކޯހަކީ ތަހުގީގުތަކަށް ބޭނުންވާ މާއްދީ ހެކި ކުށުގެ ވެށިން ދެނެގަނެ، އެ ތަކެތި ތަހުލީލުކުރުމަށް ރައްކާތެރިކަމާއެކު ބަންދުކޮށް ފޮރެންސިކް ލެބޯޓްރީތަކާ ހަމައަށް ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ ހުނަރު އުނގަންނައި ދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ކުށުގެ ވެށިން މާއްދީ ހެކި ނަގައި ބަންދުކޮށް، އެތަކެތި ތަހުލީލުކުރާ ފަރާތްތަކާ ހަމައަށް ގެންދިއުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ކިޔަވައިދީފައިވެއެވެ.

 

މި ކޯސްތަކުގެ ތެރެއިން 12ވަނަ ސެޓިފައިޑް ޓްރެއިނަރ ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މި އަހަރުގެ ޖުލައި 6 އިން 17 އަށެވެ. 13ވަނަ ޓްރެއިނަރ ކޯސް ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓު 17 އިން 28 އަށެވެ. ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް ކުރިއަށް ގެންގޮސްފައިވަނީ ޖޫން 15 އިން ޖުލައި 20 އަށެވެ.

 


  • އެންއައިސީ
  • ކަސްޓަމްސް
  • އެޗްއާރްސީއެމް
  • އިމިގްރޭޝަން
  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް