ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެންވިދާޅުވީ، ޕީއެސްއެމުން ރޭ ގެނެސްދެއްވި "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގައި ސިޔާސަތެއް އެބައޮތް ކަމަށާއި ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަކީ މުހިންމު ކަމެއް ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.
މީގެއިތުރުން ލާމަރުކަޒީ ނިޒާމު ތައާރަފުކުރުމަށް ފަހު މި ވޭތުވެ ދިޔަ 15 ވަރަކަށް އަހަރުތެރޭ ފަޅުރަށްތައް ކައުންސިލްތަކަށް، ދެއްވި ރައީސަކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނޫނީ ނެތްކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ ރައްޔިތުންނަށް މަންފާވާ ގޮތަށް ރަށްތައް ލިބިގެން ދިޔުމަކީ މާލީ އެތައް މަންފާއެއް ކައުންސިލުތަކަށް ކުރާނެ ކަމެއް ކަމުގައި ވެސް ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ވަނީ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެވޭ ހުރިހާ ބަދަލުތަކާއެކީގައި މީގެކުރިން ދުވަހަކުވެސް ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށްޓަކައި ނުކުރެވޭހާ ގިނަ މަސައްކަތް މިއަދު ކުރެވެމުން އަންނަކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.