ޚަބަރު ރާއްޖެ

އޮގަސްޓު މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 82 މިލިޔަން ރުފިޔާ

މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 82 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުން ދައްކައިފިއެވެ.

 

މީރާގެ ތަފާސްހިސާބުން ދައްކާގޮތުގައި މިއީ 11 އިންސައްތައިގެ ކުރިއެރުމެކެވެ.

 

މުދަލު ޒަކާތުގެ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. އެގޮތުން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގްރާމަކަށް 18:81 ގެ ރޭޓުން 595 ގްރާމަށްވާ 11,191.95 ރުފިޔާއެވެ.

 

މީގެކުރިން މުދަލު ޒަކާތުގެ ނިސާބު ހުރީ 9264.15  ރުފިޔާގައެވެ.

 

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ރިހީގެ އަގަށް ބަލައިގެން ކަނޑައަޅާއިރު، ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުން ކަމުގައި އިލްމުވެރިން ވިދާޅުވެއެވެ. މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.

 

ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ.

 

ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއިންނެވެ.

 


  • ޒަކާތު ހައުސް
  • ޒަކާތް
  • ކޮމެންޓް