ރާއްޖޭގައި ވިސާނެތި އުޅުނު 2 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަނުން ހޯދައިފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ މި ދެމީހުން ފެނިފައިވަނީ މާފަންނުގައި ބިދޭސީއަކު އިސްވެ، ގަވާއިދާ ހިލާފަށް ހިންގަމުންދިއަ ކެފޭއަކަށް އަމާޒުކޮށް ރޭ ހިންގި އޮޕަރޭޝަންގައި ކަމަށެވެ. ޓާސްކް ފޯސްއިން ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެންދިޔައީ ގަވާއިދާ ހިލާފަށް ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ ބިދޭސީ ފިރިހެނަކާއި ބިދޭސީ އަންހެނެއް ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ނުގަވާއިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަންތަކެއް ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ހިންގަމުންނެވެ.
އިމިގްރޭޝަންގެ މަގުސަދަކީ މިފަދަ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.
ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ހާއްސަ އޮޕަރޭޝަނެއް ވެސް އަންނަނީ ހިންގަމުންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް ތިން އަހަރުގެތެރޭ ހައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.