ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ހުޅުމާލެ ސާފުުކުރުމުގެ ބޮޑު ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.
މިއީ މި ހިނގާ ސެޕްޓެމްބަރ މަހުގެ 20 ވަނަ ފާހަގަކުރާ ބައިނަލްއަގުވާމީ ވަރލްޑް ކްލީން އަޕް ޑޭ އާ ގުޅުވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގެ ރީތި ގޮނޑުދޮށްތަކަށް އެޅިފައިވާ ކުނި ނަގައި، މޫދު ސާފުކޮށް ބޭއްވުމެވެ. އަދި މޫދުގެ ދިރުންތައް ރައްކާތެރި ކުރުންކަމެވެ.
މީގެއިތުރުން އެޗްޑީސީން ބުނެފައިވަނީ ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަކީ ވެސް މި ހަރަކާތުގެ އަމާޒެއްކަމަށެވެ.
މި ހަރަކާތް ފަށާނީ އެދުވަހުގެ ހެނދުނު ހުޅުމާލޭގެ ފޭސް އެކަކާއި ފޭސް ދޭއްގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދުން ކަމަށާއި މި ހަރަކާތުގައި ހުޅުމާލޭގެ ގޮނޑުދޮށާއި، ހޭޅިފަށާއި މޫދު ވެސް ސާފުކުރުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
އެޗްޑީސީން ބުނީ ތިމާވަށްޓަށް މީހުން ހޭލުންތެރި ކުރުމަށް'”މަންސަ' ޕްރޮގުރާމެއް ވެސް އެދުވަހުގެ ރޭ ކުރިއަށްދާނެ ކަމަށެވެ. އަދި އެކިއެކި އެންޖީއޯތަކާއި މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި ހަރަކާތުގައި ބައިވެރިވާނެ ކަމަށެވެ.