ކުރީގެ ރައީސުންނަށް ދައުލަތުންދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތާއީދުކަން ހާމަކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ހާމަކުރައްވާފައި މިވަނީ ކުރީގެ ރައީސުންނަށް ދައުލަތުންދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނު އިސްލާހު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެންނެވެ.
މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ މިނިންމެވުމަށް ތާއީދު ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުރީގެ ރައީސުންނަށްދޭ ޕެންޝަންގެ މިންވަރު ކުޑަ ކުރުމަށް އެމަނިކުފާނަށް ވެސް ފެނިވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގާނޫނުގެ ދަށުން ދައުލަތުން އެކި އިނާޔަތްތައް ދޭންޖެހޭއިރު، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ވަނީ ނިންމަވާފައެވެ. އަދި ގާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
ގާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50,000 ރުފިޔާ އަދި އެއް ދައުރަށްވުރެ ގިނަ ދައުރުކޮށްފައިވާ މީހަކަށް މަހަކު 75,000 ރުފިޔާ ދައުލަތުން ދޭންޖެހެއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކު ދިރިއުޅޭނެ ތަނަކަށް ހިނގާ އެންމެހާ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ޖެހެއެވެ. އަދި ރައީސްކަން ކޮށްފައިވާ މީހަކު މުޖުތަމައަށް ފައިދާހުރި އިޖުތިމާއީ މަސައްކަތްތައްކުރުމަށްޓަކައި އެ މީހަކު ބޭނުންވެއްޖެ ހިނދެއްގައި، މަސައްކަތް ކުރާނެ އޮފީހަކާއި މުވައްޒަފުންނާއި އެހެނިހެން ކަންތައްތައް ހަމަޖެއްސުމަށްޓަކައި މަހަކު 175,000 ރުފިޔާއާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭންވާނެކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ.
ކުރީގެ ރައީސުންގެ އިނާޔަތްތަކަށް މިއަހަރަށް ލަފާކުރި ބަޖެޓުގައި 19.7 މިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ. އަދި މި އަދަދު ކޮންމެ ދައުރަކުން ދާނީ އިތުރުވަމުންނެވެ.
ކުރީގެ ރައީސުންގެ ގޮތުގައި މިހާރު ތިއްބެވީ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމާއި، މުހައްމަދު ނަޝީދުއާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުއާއި ރައީސް އަބްދުﷲ ޔާމީނާއި އިބްރާހިމް މުހައްމަދު ޞާލިހުއެވެ.