މީޑިއާގެ މިނިވަންކަމަކީ ރަނގަޅު ޑިމޮކްރަސީއެއް ގާއިމުކޮށް ދެމެހެއްޓުމުގެ ތަޅުދަނޑިއެއްކަމުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ މިނިވަންކަމާއެކު ހިޔާލު ފާޅުކޮށް، ސަރުކާރު ޖަވާބުދާރީ ކުރަން މަސައްކަތްކޮށް، ކަންކަމާ މަޝްވަރާކުރުމަކީ ވެސް ޑިމޮކްރަސީގެ ރިވެތި އުސޫލު ކަމަށެވެ. އަދި ރަނގަޅު ކުރަންވީ ކަންކަމާ ބެހޭގޮތުން އަޑުއުފުލުމަކީ ވެސް ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއިން ލިބިދޭ ހައްގެކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ އިހުތިޔާރަށް އިހުތިރާމްކޮށް، ޑިމޮކްރަސީގެ އުސޫލުތައް ހިފެހެއްޓުމަށް ގޮވާލައްވާ، ރައީސް ސާލިހު ވަނީ ރާއްޖޭގެ ޑިމޮކްރަސީ އޮތީ ނުރައްކާތެރި ހާލަތެއްގައިކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުން ހުށައަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ބިލަކީ ނޫސްވެރިކަމުގެ މިނިކަމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވެސް އޮތް ނުރައްކަލެއްކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެ ބިލަކީ ސަރުކާރާ އެއްކޮށްޅަށް ވާހަކަ ދައްކާ ފަރާތްތަކަށް އެކަނި ފައިދާ ވާގޮތަށް އޮތް ބިލެއް ކަމަށާއި ޑިމޮކްރަސީގެ އުސޫލުތައް ހިފަހައްޓައި، ރައްކާތެރިކުރުމަށް ސަރުކާރަށް ވަނީ ގޮވާލައްވާފައެވެ.
ރަސްމީ ގޮތެއްގައި ފުރަތަމަ ފަހަރަށް، ބައިނަލްއަގުވާމީ ފެންވަރުގައި ޑިމޮކްރަސީ ދުވަސް ފާހަގަކުރީ 15 ސެޕްޓެމްބަރ 2008 ގައެވެ. މިދުވަސް ފާހަގަކުރާ ދުވަހަކީ ސެޕްޓެމްބަރ 15 ވަނަ ދުވަސް ކަމުގައި ނިންމާފައިވަނީ، މި ދުވަހަކީ ޑިމޮކްރަސީގެ އުސޫލުތައް ކަށަވަރުކޮށްދޭ 'ޔުނިވަރސަލް ޑެކްލަރޭޝަން އޮން ޑިމޮކްރަސީ'، 1997 ވަނަ އަހަރު، އިންޓަރޕާލަމެންޓްރީ ޔޫނިއަނުން ބަލައިގެން ދުވަސް ކަމުގައިވާތީއެވެ.