ވިލާ ކޮލެޖަކީ އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ އިލްމީ ހަޒާނާއެއް ކަމުގައި މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އޮނަރަބްލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ވިލާ ކޮލެޖުގެ 2025 ވަނަ އަހަރުގެ ގްރެޖްއޭޝަންގެ ފުރަތަމަ ސެޝަން ޝަރަފުވެރިކޮށްދެއްވާ މިއަދު ހެނދުނު ދެއްކެވި ވާހަކައިގައެވެ.
މިނިސްޓަރު ވަނީ ވިލާ ކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ޢިލްމީ ބިނާއެއް އަދި ދަންމަރެއްކަން ފާހަގަކުރައްވާފައެވެ. އަދި އިލްމުގެ ތަފާތު ނަޒަރިއްޔާތަކާއެކު އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ އިލްމީ ޚަޒާނާއެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ފެންވަރު ރަނގަޅު ތައުލީމާއި، ތަމްރީނު ފޯރުކޮށްދޭ އަދި އެކްސްޕީރިއަންޝަލް ލަރނިންގއަށް ފުރުސަތު ބޮޑު އިލްމީ ބިނާއެއް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
" ވިލާ ކޮލެޖަކީ މަތީ ތައުލީމު ހޯދުމަށް ރާއްޖޭގެ ގިނަ ބަޔަކު މިއަދު އިހުތިޔާރުކުރާ ޗޮއިސްއެއް."
މިނިސްޓަރު އިތުރަށް ވަނީ ދުނިޔޭގެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން ކުރެވޭ ތަޖުރިބާތައް ހޯދުމުގެ އިންތިޒާމުތައް އެކޮލެޖުން ފަހިކޮށްދެއްވާފައިވާ ކަން އުފަލާއެކު ފާހަގަކުރައްވާފައެވެ. އަދި 1448 ދަރިވަރުން އެއް ފަހަރާ ނިމި ވިލާ ކޮލެޖުން ގްރެޖުއޭޓްވާކަން އެއީ އެކަމުގެ އަލިގަދަ ހެތްކެއް ކަމަށް ވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވިވާހަކައިގާ މަތީ ތައުލީމު ފޯރުކޮށްދެއްވުމަށް ވިލާ ކޮލެޖުން ކޮށްދެއްވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ކޮލެޖުގެ ބާނީ ނިޝާން މުލީގޭ ޢިއްޒަތުގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޤާސިމް އިބްރާހީމަށާއި، ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރަށް ޝުކުރުއަދާކުރެއްވިއެވެ.