މީޑިއާއާ ގުޅުންހުރި މައްސަލަތަކާއި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ހެޔޮ ނިޔަތެއްގައި އެދޭ ނަމަ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އަނެއްކާ ވެސް ގޮވާލައިފިއެވެ.
އެ އިދާރާ އިން މިފަދައިން ގޮވާލީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު" ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ގައުމީ ފެންވަރުގައި ގިނަ ފަރާތްތަކުގެ ބައިވެރިވުމާއެކު ދިރާސާކުރުމުގެ މަރުހަލާއެއް ކުރިއަށް ގެންދިއުމަށް ވެސް ބަޔާނުގައި ގޮވާލާފައި ވެއެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވާ ދައުރުން ބޭރުން އަވަސް ދުވެއްޔެއްގައި ހާމަކަން ކުޑަވާ ގޮތައް ކުރިއަށް ގެންދިޔަކަމީ، ބައެއް މަރުހަލާތައް ނަމަކަށް ފުރިހަމަ ކޮށްލުމުގެ ނިޔަތުގައި ކުރެވުނު ކަމެއް ކަމުގައި ވަނީ ފާހަގަކޮށްފައެވެ.
"ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި، މީޑިއާ މުއައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތަކުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކާއި އެކު ވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ."
މީގެއިތުރުން މި ބިލު މަޖިލީހަށް ހުށަހެޅުނީއްސުރެ އެކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ބާ ކައުންސިލާއި، ނޫސްވެރިންނާއި، މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން މި ބިލަށް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މި ކަންބޮޑުވުންތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތްކުރެއްވުމެއް ނެތި ބިލު ފާސްކުރައްވާފައިވާތީ، މި ބިލު ތަސްދީގު ނުކުރެއްވުމަށް އެދި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ސިޓީފުޅެއް ފޮނުވިފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ އެކަމުގެ ސަބަބުން ފަހަށް ފުންކޮށް ވިސްނާ ރަނގަޅަށް ބަހުސްކުރުމުގެ ފުރުސަތު ގެއްލިގެން ދިޔުމަކީ އެތަކެއް މައްސަލަތަކެއް އަލަށް ފެންމަތިވެގެން އަންނާނެ ކަމެއް ކަމުގައި އެކައުންސިލުން ދެކޭ ކަމަށާއި މި ބިލު ގާނޫނަކަށް ވެއްޖެ ނަމަ، މީޑިއާ ރެގިއުލޭޓްކުރުމުގެ ބަދަލުގައި ކޮންޓްރޯލްކުރެވިގެން ދާނެކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ފާޑުކިޔާ އަޑުތައް މަޑުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ތައާރަފްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ހަމަމިއާއެކު ކޮންމެ ޑިމޮކްރަސީއެއްގެ ވެސް އަސާސީ ތަނބެއްކަމުގައިވާ މިނިވަން ނޫސްވެރިކަމުގެ ތެރެއިން، ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާ ދެކޮޅަށް ފާރަވެރިވުމުގެ ގޮތުން ކުރެވޭ ތަހުގީގީ އަދި ޖަވާބުދާރީކުރުވުމުގެ ނޫސްވެރިކަން، ހުއްޓުވުމަށް ބާރު ލިބިގެންދާނެކަން ފާހަގަކޮށް، މިކަން މިހެން ވެއްޖެ ނަމަ، ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ރޭންކިންގ ވަރަށް ބޮޑަށް ދަށްވެގެން ދާނެކަމަށް ގަބޫލުކުރެވޭ ކަމުގައި ވެސް ބަޔާނުގައި ވެއެވެ.
އެމްއެމްސީގެ ބަޔާނުގައި އިތުރަށް ބުނީ މި ބިލު ތަސްދީގުކުރުމާ އެކު، މުއައްސަސާއެއްގެ ގޮތުގައި އެކައުންސިލް އުވިގެންދިޔަ ނަމަވެސް، މިނިވަން ނޫސްވެރިކަމުގެ ރޫހު ދެމި އޮންނާނެ ކަމަށާއި އެ ކައުންސިލް މެންބަރުން އުންމީދުކުރަނީ ދިމާވާ ކޮންމެ އަނދިރިކަމެއްގެ ތެރޭގައި ވެސް، އަހަރުތަކެއް ވަންދެން އިންދަމުން އައި ނޫސްވެރިކަމުގެ ގަސްތައް ކުރިލާ ހެދޭނެ އަލި މަގެއް ފެނިގެންދާނެކަމަށް ކަމުގައި ވެސް ވަނީ ބުނެފައެވެ.