ޚަބަރު ރާއްޖެ

ގުރްއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ފަށައިފި

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ފަށައިފިއެވެ.

 

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، މުބާރާތް ރަސްމީކޮށް ފަށްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.



މިއަހަރުގެ މުބާރާތުގައި ވެސް ކުރިއަށްގެންދާނީ ހާފިޒުންގެ ބަޔާއި ސްކޫލް ކުދިންގެ ބަޔާއި މުއައްސަސާތަކުގެ ބައެވެ. ޖުމުލަ 1036 ކުދިން މިއަހަރުގެ މުބާރާތުގައި ކިޔަވާއިރު، ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިން، ނުބަލާ ކިޔެވުމުގެ ގޮފީގައި 423 ބައިވެރިން، އަދި ޙާފިޒުންގެ ގޮފީގައި 31 ޙާފިޒަކު ކިޔެވުމަށް ހަމަޖެހިފައިވެއެވެ.

 

މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން ވެސް އެ ވަނަތައް ހޮވާނެއެވެ.

 

ކިންގް ސަލްމާން މިސްކިތުގައި މިއަހަރުގެ މުބާރާތް ކުރިއަށްދާއިރު، މުބާރާތުގެ ކޮންމެ ބަޔަކުން ވެސް އެއްވަނަ ބައިވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމް ދެއްވުމަށް ވަނީ ނިންމަވާފައެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކުރައްވައިގެން މިއަހަރު ބާއްވާ މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުންތައް ކުރިއަށްދާނީ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިމްގައެވެ. އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.

 

1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ބާއްވަމުން އަންނަ މި މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

 


  • ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒު
  • ޑރ. ޝަހީމް
  • ކީރިތި ޤުރްއާން
  • ކޮމެންޓް