ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ކުރިއަށްގެންދަވަނީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އިތުރުކުރުމުގެ މަސައްކަތްކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ފަށްޓަވައިދެއްވައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހާފިޒުން އަދަދު އިތުރުވަމުންދާ ކަމަށާއި އެހެން އަހަރުތަކާ ހިލާފަށް ގުރްއާން ހިތުދަސްކުރުމަށް ދަރިވަރުންނަށް ގިނަ އަދަދަކަށް ފުރުސަތުދެމުންގެންދާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކުގެ އިތުރަށް ގުރްއާން ހިތުދަސްކުރުމަށް އެހީތެރިވެދެއްވާ އަމިއްލަ ސެންޓަރުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއް ވެސް ހޯއްދަވަމުން ގެންދަވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި 1500 އަށްވުރެ ގިނަ ޒުވާން ކުދިން ގުރްއާން ހިތުދަސްކުރަމުން މިހާުވެސް ދާކަމަށާއި އެހެންކަމުން ކުރިއަށް އޮތް ދެތިން އަހަރަކީ ކީރިތި ގުރްއާން ހިތުދަސްކުރުމުގެ ދާއިރާގައި އައު އުސްމިނަކަށް ރާއްޖެ ގެންދާނެ އަހަރުތަކަކަށް ކަމުގައެވެ.