ފ. ބިލެތްދޫ އަށް ބިން އިތުރުކުރުމާއި ބަނދަރުގެ ޖާގަ އިތުރުކުރެވެން އޮތް އެންމެ ބޮޑަކަށް އިތުރުކުރުމަކީ ހަމަ ހަގީގަތުގައިވެސް ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ދެ ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވާފައި ވަނީ ރާއްޖޭގެ 4 އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފ. އަތޮޅު ބިލެތްދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އެރަށު ބަނދަރު ސަރަޙައްދުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަވާލުކުރައްވާފައިވާ އެމް.ޓީ.ސީ.ސީ އިން މަސައްކަތްކޮށް ނިންމަވައިދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިން އެންމެ މުހިންމު ޖާގައެއް ލިބިގެންދާނެ މަޝްރޫއަކަށް، ބިން ހިއްކުމުގެ މަޝްރޫއު ވެގެންދާނެކަމުގައި ވެސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ރަށުގެ ތަރައްގީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއް ވެސް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަގީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ. އަދި އަންނައަހަރުގެ ބަޖެޓުގައި، ރަށުގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށް ވެސް ސަމާލުކަން ދެއްވާނެކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ވަނީ އެރަށު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ބިންގާ އެޅުމުގެ މަޝްރޫއާއި، ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުމުގެ މަޝްރޫއު އިފްތިތާހުކޮށްދެއްވާފައެވެ. އަދި ހެލްތު ސެންޓަރަށް އިތުރު ކުރެވޭ އިމާރާތުގެ ބިންގާވެސް ވަނީ އަޅުއްވާދެއްވާފައެވެ.