ޚަބަރު ރާއްޖެ

ފީއަލީ ބިނހިއްކަން ފެށޭނީ ބޮޑު ހިލައިގެ ޝިޕްމެންޓް އައުމުން: ރައީސް

ބޮޑުހިލައިގެ ޝިޕްމަންޓް ލިބުމާއެކު، ފީއަލީގައި ހުއްޓިފައި އޮތް ބިންހިއްކުމުގެ މަޝްރޫއު އަލުން ފެށިގެންދާނޭކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

 

އެމަނިކުފާނު މި ޔަގީންކަން ދެއްވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ރައްޔިތުންނާއި އަދު ރަށުގެ އިސްވެރިންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުގައި ވާހަކަފުޅުދައްކަވަމުންނެވެ.

 

އެގޮތުން ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ޖުމުލަ 15 ހެކްޓަރުގެ ބިން ހިއްކޭނޭ ގޮތަށް، އެ މަޝްރޫއު ކުރިއަށްގެންދަވާނޭކަމަށް ވިދާޅުވިއެވެ. ފީއަލީގެ އިތުރުންވެސް، ބޮޑުހިލަ ނުލިބުމުގެ ސަބަބުން މަސައްކަތް ހުއްޓިފައި ހުރި ރަށްރަށުގެ މަސައްކަތް، އައު ޝިޕްމަންޓްތައް ލިބެމުންދާ މިންވަރަކުން އަލުން ފަށައިގެން ކުރިއަށްގެންދަވާނެކަން ފާހަގަކުރައްވާ، ފީއައްޔަށް ބޭނުންވާ ޝިޕްމަންޓް ވެސް ވަރަށް އަވަހަށް ގެނެވޭނޭކަން ފާހަގަކުރެއްވިއެވެ.

 

ފ އަތޮޅު މަދަރުސާގައި ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސް ވަނީ ރަށުގެ ތަރައްގީއާއި އާންމު ދިރިއުޅުމުގެ ކަންތައްތަކާ ގުޅޭގޮތުން ބައިވެރިންނާ ހިޔާލުބަދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައްޔިތުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފެށި، އަލަށް ފަށާ މަޝްރޫއުތައް ވެސް އެއްވާނެއްގައި ގޮސް ނިންމާލުމުގެ މުހިންމުކަން ހިމެނެއެވެ. އަދި ފީއަލީ އައިސްޕްލާންޓާ ގުޅިގެން ހިލާފު އުފެދިފައިވާ ކަންކަމަށް ހައްލެއް ހޯދުމުގެ މައްޗަށް ވެސް ރައްޔިތުންގެ މަންދޫބުން ވާހަކަފުޅުދައްކަވާފައިވެއެވެ.

 

ރައްޔިތުން އަލިއަޅުއްވާލެއްވި ކަންކަމަކީ، ތަރުތީބުކުރެވި، ފެށި، ނުވަތަ ފެށުމުގެ މަރުހަލާގައި ހުރި ކަންތައްތަކެއްކަން ފާހަގަކުރައްވާ ރައީސް ވަނީ، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކުން އެ ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނޭކަމުގެ ޔަގީންކަންދެއްވާފައެވެ.

 

ރައީސްގެ މި ދަތުރުފުޅުގައި ފީއަލީގައި ބަނދަރު އަޕްގްރޭޑްކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއާއި، މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއާއި ފުޓްސަލް ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. އަދި ފީއަލީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވާ އެ ރަށުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ވެސް ރަސްމީގޮތުން ވަނީ ފައްޓަވާދެއްވާފައެވެ.

 


  • ފ. އަތޮޅު
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް