ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމޭނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފ. ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގައި އެމަނިފާނު ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު ވައުދަކީ ވައިގެބަނދަރެއް ގާއިމުކޮށްދެއްވުންކަން ފާހަގަކުރައްވާފައެވެ. އަދި ވަނީ އެ މަސައްކަތުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އެގޮތުން އެއަރޕޯޓު މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމަށް ބިން އިތުރުކޮށްގެން، 1800 މީޓަރުގެ ރަންވޭއެއް އެޅޭވަރަށް ބިން ހިއްކުމަށް އިރުޝާދު ދެއްވާފައިވާނޭކަމަށް ވިދާޅުވިއެވެ.
އެރަށަކީ އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީކުރާ ރަށެއްކަން ފާހަގަކުރައްވަމުން، އެ އަމާޒަށް ވާސިލުވުމަށް ކުރިއަށްގެންދަން ރާއްވަވާފައިވާ އެހެނިހެން މަޝްރޫއުތަކަށް ވެސް ރައީސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރަށުގެ ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތް ގިނަވެގެން 24 މަސް ދުވަސް ތެރޭ ނިމޭނޭކަމަށް ވިދާޅުވިއެވެ. އަދި މި އަހަރު ތެރޭ ފެނުގެ ވިއުގަ ގާއިމުކުރެއްވޭނޭކަމަށާއި މި ދެ މަސައްކަތް ނިމެމުންދާ މިންވަރަކުން މަގުހެދުމުގެ މަސައްކަތް ކުރިއަށްދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިކަމާ ގުޅުންހުރި ކަންކަމަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ ނިލަންދޫގައި ގާއިމުކުރާ ދަޅުބަންދުކުރާ ކާރުޚާނާގެ އިންޖިނިއަރިންގ، ޕްރޮކިއޮމަންޓް އަދި ކޮންސްޓްރަކްޝަން ކޮންޓްރެކްޓްގައި ސޮއިކުރައްވާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުގެ މާރިޗު މަސް އަންނަން ވާއިރަށް، ނިލަންދޫ ވެސް ހިމެނޭހެން އެސް.ޓީ.އޯ އިން ފިއުލް ސްކިޑް ބަހައްޓަން ކަނޑައެޅި ރަށްރަށުގައި އެ މަސައްކަތް ފުރިހަމަކުރެވޭނޭކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން 200 ހައުސިންގ ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫއާއި، 50 އެނދުގެ ހޮސްޕިޓަލުގެ މަޝްރޫއު ކުރިއަށްދާކަމުގެ ޔަގީންކަން އެމަނިކުފާނު، ނިލަންދޫ ރައްޔިތުންނަށް ދެއްވިއެވެ. އަދި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތާއި އިސްލާމީ މަރުކަޒުގެ މަސައްކަތް އަންނަ އަހަރަށް ތާވަލުކުރައްވާފައިވާކަން ހާމަކުރެއްވިއެވެ.